28 Apr 2015, 18:08
މޭ މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ބާއްވަން އުޅޭ އެއްވުމާ ބެހޭ ގޮތުން އަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބުދުﷲއާ ފުލުހުން ސުވާލުކޮށްފި އެވެ.
އިސްކަންދަރު ކޮށީގައި ފުލުހުންނާ މަޝްވަރާ ކުރެއްވުމަށް ފަހު ނުކުމެވަޑައިގެން މީޑިއާއާ ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ ފުލުހުން ސުވާލު ކުރީ އެއްވުމަކީ ގާނޫނާ ގަވައިދާ އެއްގޮތަށް ބާއްވާ ހަރަކާތެއް ކަން ކަށަވަރު ކުރުމަށް ކަމަށެވެ.
"... ޕޮލިސް ސާވިސްގެ ބޭފުޅުންނާ މިބައްދަލުކޮށްލީ އެކެއް މޭގައި އަޅުގަނޑުމެން މިހިންގަން އުޅޭ ހަރަކާތާ ބެހޭ ގޮތުން އެބޭފުޅުންގެ ހުރި ކަންބޮޑުވުންތަކާ ނުވަތަ އެކަންތައްތައް ދާނެ ގޮތާ، އެކަންތައްތަކާ ބެހޭ ގޮތުން އެބޭފުޅުން މަޝްވަރާކޮށްލައްވަން ބޭނުންފުޅުވާތީ. ހާއްސަކޮށް ، މިއެއްވުންތަކަކީ ގާނޫނާ ގަވައިދުގެ ތެރެއިން ދާނެ އެއްވުންތަކެއް ކަމަށް ކަށަވަރު ކުރުމަށް އެބޭފުޅުންގެ ސުވާލުތަކެއް ހުރީމައި،" އޭނާ ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ އެއްވުމަކީ ގާނޫނާ ގަވައިދުގެ ތެރެއިން ކުރިއަށްދާނެ އެއްވުމަކަށް ވާނެ ކަމުގެ ޔަގީންކަން ފުލުހުންނަށް ދެއްވާފައިވާނެ ކަމަށެވެ. އަދި އެ އެއްވުން ގާނާ ގަވައިދާ އެއްގޮތަށް ކުރިއަށް ދާ ނަމަ އެހަރަކާތުގެ ސަލާމަތީ ކަންތައްތައް ބަލަހައްޓައިދޭނެ ކަމުގެ ޔަގީންކަން ފުލުހުން ދީފައިވާ ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.
"...އަޅުގަނޑުމެން އެބޭފުޅުންނަށް ދެންނެވިން ،އަޅުގަނޑުމެން މިހަރަކާތްތައް މިބާއްވަނީ ސިޔާސީ އެއްވުންތަކެއްގެ ގޮތުގައި ، ސިޔާސީ މަސައްކަތެއްގެ ގޮތުގައި، ފަހަރެއްގައި ވެސް ބަޔަކާ ކުރިމަތިލާން އަޅުގަނޑުމެން އެއްވަނީ ނޫން ކަމުގައި، އިމްރާން ވިދާޅުވިއެވެ.
އެ އެއްވުންތަކުގެ ތެރޭގައި ކުރިމަތިލުމެއް ހިންގަން ބަޔަކު މަސައްކަތް ކޮށްފި ނަމަ އެކަން ހުއްޓުވައިދިނުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންފައި ވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފުލުހުން ބުނީ އިމްރާން އިސްކަންދަރުކޮށްޓަށް ވަޑައިގެންނެވީ މޭމަހުގެ އެއްވަނަ ދުވަހު ބާއްވާ ހަރަކާތާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ފުލުހުން ދިން ދައުވަތަކަށް ކަމަށެވެ. އަދި އެ އެއްވުމާ ބެހޭ ގޮތުން ހުރި ކަންބޮޑުވުންތަކާއި ފުލުހުން އޮޅުން ފިލުވަން ބޭނުންވާ ކަންކަމާ ބެހޭ ގޮތުން އިމްރާނާ ސުވާލު ކޮށްފައިވާނެ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
އެހަރަކާތަކީ އަދާލަތު ޕާޓީން އިންތިޒާމްކުރި ހަރަކާތެއް ކަމަށް އިމްރާނު ވިދާޅުވި ކަމަށާއި ގާނޫނާ ގަވައިދާ ހިލާފު ކަމެއް އެކަމުގެ ތެރޭގައި ނުހިންގާނެ ކަމުގެ ޔަގީންކަން އިމްރާން ދެއްވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
" އެހަރަކާތުގެ ތެރެއިން ގާނޫނާ ގަވައިދާ ހިލާފު ކަމެއް ހިނގާ ނަމަ ފިޔަވަޅު އަޅަން އިއުތިރާޒް ނުކުރައްވާ ކަމަށް ވެސް އިމްރާން ވިދާޅުވި،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.