28 Apr 2015, 17:25
ކަނޑައެޅިފައިވާ ވަގުތު ހަމަވިއިރު ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ގޮނޑިއަށް ވާދަކުރަން ހުށަހަޅުއްވާފައި ވަނީ ހަތަރު ކެނޑިޑޭޓުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލަކު 'ސަން' އަށް ވިދާޅުވީ، އެ ހަތަރު ކެނޑިޑޭޓުންނަކީ ޕީޕީއެމްގެ ކެނޑިޑޭޓް އަހްމަދު ފާރިސް މައުމޫނާއި އެމްޑީޕީގެ ކެނޑިޑޭޓް މ. މަޑުއްވަރީ ކާނިގޭ އަހްމަދު ރާޒީ އާއި އަމިއްލަގޮތުން ވާދަކުރައްވާ ދެ ކެނޑިޑޭޓުން ކަމުގައިވާ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ނައިބު ރައީސް މޫސާ ނަސީރު އަހްމަދާއި މ. މަޑުއްވަރީ ފީރޯސް ޝަމީމް އަލީ ކަމަށެވެ.
އެބޭފުޅުންގެ ތެރެއިން މޫސާ ނަސީރު އަހްމަދަކީ ޕީޕީއެމަށް ނިސްބަތްވާ މ. އަތޮޅު ކައުންސިލްގެ މެމްބަރެކެވެ. އޭނާ ވަނީ ދިއްގަރު ދާއިރާގެ ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ވެސް ނަން ހުށަހަޅުއްވާފައެވެ. އެހެންނަމަވެސް ފަހުން އޭނާ ވަނީ ނަން އަނބުރާ ގެންދަވާފައެވެ.
މޫސާ ނަސީރު އަހްމަދަކީ މީގެކުރިން ވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ގޮނޑިއަށް މެމްބަރަކު ހޮވުމަށް ބާއްވާ އިންތިޚާބު އޮންނާނީ ޖޫން މަހުގެ ހަ ވަނަ ދުވަހު އެވެ.