ރާއްޖެ އަށް ނުރައްކާވެދާނެ ގަސްގަހާއި ގެއްސާއި ވައްތަރު ދެނެގަނެ އެފަދަ ގަސްތައް ކަރަންޓީނު ކުުރުމުގެ ފުރިހަމަ ގޮތްތައް ދެނެގަތުމަށްޓަކައި ތަމްރީނު ޕްރޮގްރާމެއް ފަށައިފި އެވެ. ފިޝަރީޒް މިނިސްޓްރީން އިންތިޒާމުކޮށްގެން އިންޑިއާގެ ކެރެލާގެ، ކެރެލާ ފޮރެސްޓް ރިސާޗް އިންސްޓިޓިއުޓް (ކޭއެފްއާރުއައި) ކުރިއަށްދާ މި ޕްރޮގްރާމްގައި އެ މިނިސްޓްރީގެ ހަތަރު މުވައްޒަފުންގެ ދަނޑުވެރިކަމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ހަ އަމިއްލަ ފަރާތަކުން ބައިވެރިިވެ އެވެ.

އެ ތަމުރީނު ޕްރޮގްރާމުގައި ކިޔަވައިދެއްވަނީ ކޭއެފްއާރުއައިގެ ސައިންޓިސްޓުން ކަމަށް ފިޝަރީޒް މިނިސްޓްރީން މައުލޫމާތުދެ އެވެ. ހަތް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގްރާމްގައި ނާސަރީ ބަލަހައްޓާނެ ގޮތާއި ބެހޭ ގޮތުން ވެސް މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ތަމްރީނު ޕްރޮގްރާމު ކުރިޔަށް ދަނީ ފުޑް އެންޑް އެގްރިކަލްޗާ އޯގަނައިޒޭޝަން (އެފްއޭއޯ) އާއި އޭޝިއާ ޕެސިފިކް ފޮރެސްޓް އިންވޭސިވް ސްޕީޝީސް ނެޓްވޯކުގެ އެހީގެ ދަށުންނެވެ. މި ޕްރޮޖެކްޓްގެ ދަށުން ތަފާތު ދާއިރާތަކަށް އަމާޒުކޮށްގެން ހަތަރު ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ.