28 Apr 2015, 16:24
އައްޑޫ ސިޓީގެ ހިތަދޫގައި ޕިކަޕަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ތިން މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ މިއަދު މެންދުރުފަހު 15:40 ހާއިރު ހިތަދޫ ބޮޑުމަގު ހެޕީ ޒޯން ނަމަކަށް ކިޔާ ފިހާރަ ކައިރީގައި ޕިކަޕަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ތިންމީހަކަށް އަނިޔާވެ އޭގެތެރެއިން އެކަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން އަންނަކަމަށެވެ.

އައްޑޫ ސިޓީގައި މިއަދު ހިނގި އެކްސިޑެންޓުގައި އަނިޔާ ލިބުނު މީހަކު -- ވައިބާ ފޮޓޯ
އޮފިޝަލް ވިދާޅުވީ، އެ އެކްސިޑެންޓުގައި ބިދޭސީއަކަށާއި ދެ ދިވެއްސަކަށް އަނިޔާވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ، އެ ތިން މީހުންނަނަށް ވެސް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
ފުލުހުން ބުނީ، މި އެކްސިޑެންޓްގައި އަނިޔާވި އެކަކަށް ފަރުވާދެމުންދަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ކަމަށާއި އެއީ ދިވެއްސެއް ކަމަށެވެ.
އައްޑޫ ސިޓީގައި މިއަދު ހިނގި އެކްސިޑެންޓުގައި އަނިޔާ ލިބުނު މީހަކު -- ވައިބާ ފޮޓޯ
މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ގޮތުގައި، މި އެކްސިޑެންޓް ހިނގަން މެދުވެރިވެފައިވަނީ ހެޕީ ޒޯން ފިހާރަކައިރީ ޕާކް ކޮށްފައި އޮތް ޕިކަޕެއް މަގަށް ނުކުތް ވަގުތު މަގުން ދުއްވާފައިދިޔަ ސައިކަލެއްގައި ޖެހިގެން ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މި އެކްސިޑެންޓްގައި ދެ ވެހިކަލަށްވެސް އެކިވަރުގެ ގެއްލުން ވެފައިވާ ކަމަށާއި މި އެކްސިޑެންޓްގެ މައްސަލަ ހިތަދޫ ޕޮލިސް ސްޓެޝަނުން ތަހުގީގުކުރަމުންދާ ކަަމަށެވެ.