28 Apr 2015, 17:21
އޭއެފްސީ ކަޕްގައި މާދަމާ ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށް މާލޭގައި ކުޅޭ މެޗު ފަސޭހަ ނުވާނެ ކަމަށް އިންޑޮނޭޝިއާގެ ޕާސިބް ބަންޑުންގެ ކޯޗް އެމްރަލް އޭބަސް ބުނެފިއެވެ.
އޭއެފްސީ ކަޕްގެ ފުރަތަމަ މެޗުގައި ޕަރސިބްގެ އަމިއްލަ ދަނޑުގައި އެ ޓީމް ނިއު އަތުން ތަފާތުބޮޑު 4-1 ގެ ނަތީޖާއަކުން މޮޅުވި ނަމަވެސް، އޭބަސް ބުނީ، މިއީ ތަފާތު މެޗެއް ކަމަށެވެ. އަދި މި މެޗަށް ނިއުގެ މޯޓިވޭޝަން ވަރަށް ރަނގަޅު ކަން ފާހަގަ ކުރެވޭ ކަމަށްވެސް އޭބަސް ވަނީ ބުނެފައެވެ.
"މީގެ ކުރިން މި މުބާރާތުގައި އަހަރުމެނަށް ނެރެވިފައިވާ ޕަރފޯމެންސާ މެދު ހިންހަމަޖެހޭ. މިހާތަނަށް ވަނީ ދެ މެޗުން މޮޅުވެ، ދެ މެޗު އެއްވަރު ކުރެވިފަ. މާދަމާގެ މެޗުގެ އުންމީދަކީ މޮޅުވުން، ނަމަވެސް އެއީ އަހަރުމެނަށް އެހާ ފަސޭހަ ކަމަކަށް ނުވާނެ. މާދަމާ އެއީ އަނެއްކާވެސް އާ މެޗެއް، އެ މެޗަށް ނިއު އޮތީ ވަރަށް ރަނގަޅު މޯޓީވޭޝަނެއްގައި،" އޭބަސް ބުންޏެވެ.
އޭއެފްސީ ކަޕްގެ ގްރޫޕް 'އެޗް' ގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ އޮތް ހަމައެކަނި ދެ ޓީމަކީ ޕަރސިބް އާއި އަޔެވާދީ އެވެ. އެ ގްރޫޕްގައި ކޮންމެ ޓީމެއްވެސް މިހާތަނަށް ހަތަރު މެޗު ކުޅެފައި ވާއިރު، މެޗުތަކުން މުޅިއެކު އަށް ޕޮއިންޓް ހޯދައި، ތާވަލް ލީޑުކުރަމުން ދަނީ ޕަރސިބް އެވެ. އަދި އެއް މެޗު ކާމިޔާބުކޮށް، އަނެއް ތިން މެޗުން އެއްވަރުވި އަޔެވާދީ ދެވަނައިގައި އޮތީ ހަ ޕޮއިންޓާއެކު އެވެ.
ތާވަލްގެ ތިންވަނައިގައި ހަތަރު ޕޮއިންޓާއެކު ނިއު އޮތްއިރު، އެ ގްރޫޕްގެ އެންމެ ފުލުގައި އޮތް ލާއޯ ޓޮޔޯޓާ އަށްވެސް މުބާރާތުގެ ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު އަދި އެބައޮތެވެ. ނަމަވެސް އޭބަސް ބުނީ މާދަމާގެ މެޗުން ބޭނުމީ ތިން ޕޮއިންޓް ކަމަށާއި، މާދަމާގެ މެޗަށް ޓީމްގެ ހުރިހާ ކުޅުންތެރިންވެސް ތިބީ ވަރަށް ތައްޔާރަށް ކަމަށެވެ.
"ދެވަނަ ބުރަށް ދިޔުމަށް މި މެޗަކީ ދެ ޓީމަށްވެސް ވަރަށް މުހިންމު މެޗެއް. މެޗަށް ނިކުންނާނީ އެކަން ހަނދާނުގައި ބަހައްޓައިގެން. ޓީމުގެ ހުރިހާ ކުޅުންތެރިންވެސް ތިބީ މި މެޗަށް ވަރަށް ތައްޔާރަށް. އެހެން ކަމުން އުންމީދަކީ މޮޅުވެ މި މެޗުން ތިން ޕޮއިންޓް ހޯދުން،" އޭބަސް ބުންޏެވެ.
އޭގެ އިތުރުން އޭބަސް ބުނީ މާދަމާގެ މެޗުގައި ނިއު ކުޅޭނީ އެޓޭކިން ގޭމެއް ކަމަށް ލަފާކުރެވޭ ކަމަށާއި، މެޗުގައި ބޭނުންކުރާނެ ވަކި އުކުޅުތަކެއް ނިންމާނީ ފަހުން ކަމަށެވެ. އަދި ރާއްޖޭގެ މޫސުން ޓީމަށް މައްސަލައެއްގެ ގޮތުގައި ދިމާވެދާނެ ކަމަށާއި، ނަމަވެސް މާލޭގައި އެ ޓީމް ހޭދަކުރި ތިން ދުވަހު އެކަމަށް ތައްޔާރު ވެވިފައި ވާކަމަށް ގަބޫލް ކުރެވޭ ކަމަށެވެ.