ޖަޕާނުގެ ދެވަނައަށް އެންމެ ބޮޑު ޖަޒީރާ ކަމަށްވާ ހޮކައިޑޯގެ އައްސޭރިފަށުން ކަނޑުގެ ބައެއް ހިކި، އެރަށުގެ ބޮޑުމިނަށް ބައެއް އިތުރުވެއްޖެއެވެ.

ޖަޕާން ޑެއިލީ ނޫހުން އިއްޔެ ބުނީ ހޮކައިޑޯގެ ރައުސޫ ނަމަކަށް ކިޔާ ސަރަހައްދުގެ އައްސޭރިއަށް އިތުރުވެފައި ވަނީ 300 މީޓަރު ފުޅާ ބިންގަނޑެއް ކަމަށެވެ. އިތުރުވީ ބައި އޮތީ ކަނޑު އަޑީގެ ބައެއްގެ ގޮތުގައި އޮތް އިރު އޮތް ގޮތަށް ( މުރަކަތަކާއި އެކުގައި) ކަމަށް ވެސް އެނޫހުން ބުންޏެވެ.

ހޮކައިޑޯގެ އެކަހެރި ހިސާބެއްގައި ހިނގި އެހާދިސާއަކީ ސެއިސްމިކް ހަރަކާތެއް ( ބިމުގެ އެންމެ އަޑީގައިވާ ވިރިކިކެކޭ ހިލައިގެ ފަށަލައިގައި ހިނގާ ހަރަކާތެއް)ގެ ސަބަބުން ކަމަށް ބެލެވޭތީ، ނުރައްކާތެރި ބިންހެލުމެއްގެ ބިރުވެރިކަން، ހޮކައިޑޯގެ ވަޒަންވެރިންގެ މެދުގައި ވަނީ ފެތުރިފައެވެ. ނަމަވެސް ޖަޕާނުގެ ސައިންސްވެރިން ބުނެފައި ވަނީ އެއީ އެސަރަހައްދާ ކައިރީގައި ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާއަކާ ގުޅިގެން ހިނގި ކަމަކަށް ވެދާނެ ކަމަށެވެ.

ޖަޕާނުގައި 2013 ވަނަ އަހަރު ހިނގި އެފަދަ ހާދިސާއެއްގައި ކަނޑު ތެރެއިން އާ ރަށެއް ވެސް އުފެދުނެވެ. އަލިފާން ފަރުބަދައެއް ގޮވުމުގެ ސަބަބުން އުފެދުނު އެރަށް ވެސް އަންނަނީ ބޮޑުވަމުންނެވެ.