ލޯފަންކުދިން ކިޔެވުމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ މުސްހަފް ނުވަތަ "ބްރެއިލް މުސްހަފް" އިސްލާމިކް މިނިސްޓްރީގެ ފަރާތުން ދިވެހިރާއްޖޭގެ ލޯފަން ކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާއަށް ހަދިޔާކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މުސްހަފް ލޯފަން ކުދިންނާ ބެހޭ ހާއްސަ އެސޯސިއޭޝަނާ ހަވާލުކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އެވެ. އެސޯސިއޭޝަންގެ ފަރާތުން އެ މުސްހަވާލުވެ ވަޑައިގަތީ އެ އެސޯސިއޭޝަންގެ ރައީސް މުޙައްމަދު މާޖިދު އެވެ.

ލޯފަންކުދިން ކިޔެވުމަށް ތައްޔާރުކޮށްފައިވާ "ބްރެއިލް މުސްހަފް" -- ސަން ފޮޓޯ: އަލީ ނަސީރު

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ލޯފަން ކުދިންނަށް ހާއްސަ މުސްހަފް ރާއްޖެއަށް ގެނެސްފައި ވަނީ ޖޯޑަން އިން ކަމަށާއި އެ މުސްހަފަކީ ވަރަށް އަގުބޮޑު މުސްހަފެއް ކަމަށެވެ. އެގޮތުން ރާއްޖޭގެ އަގަށް ބަލާނަމަ މުސްހަފަކަށް ގާތްގަނޑަކަށް 4000 ރުފިޔާ އަރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް ޖޯޑަން އިން މުސްހަފް ގެންނާނެ ކަމަށާއި އެ މުސްހަފް ކިޔަވަން ދަސްކޮށްދޭ ހާއްސަ ކުލާހެއް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އަދި ކިޔަވައިދޭ މުދައްރިސުން ރާއްޖެއިން ބޭރުން ހޯދުމަށް މަސައްކަތް ކުރައްވާ ކަމަށެވެ.

"މީގެކުރިން މިކުދިން (ލޯފަންކުދިން) ގުރުއާން ހިތުދަސްކުރަމުން އައީ އެއްޗެހިން ކިޔަވާ އަޑު އަހައިގެން ވަރަށް އުނދަގޫ ގޮތަކަށް. ނަމަވެސް މި މުސްހަފްގެ ސަބަބުން އެކުދިންނަށް ގުރުއާން ހިތުދަސްކުރުމަށް އިތުރު ލުއިކަމެއް ލިބިގެންދާނެ،" ޑރ. ޝަހީމް ވިދާޅުވި އެވެ.

ލޯފަންކުދިން ކިޔެވުމަށް ތައްޔާރުކޮށްފައިވާ "ބްރެއިލް މުސްހަފް" އެކުދިންނަށް ހަދިޔާކުރުމަށް އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ: އަލީ ނަސީރު

މިނިސްޓަރު ވިދާޅުވީ، ގުރުއާން ހިތުދަސްކޮށްދިނުމުގެ ނުވަތަ ހާފިޒުން އުފެއްދުމުގެ މަޝްރޫއަކީ އެ މިނިސްޓްރީން ވަރަށް އިސްކަމެއް ދީގެން ކުރައްވަމުން އަންނަ މަސައްކަތެއް ކަމަށެވެ.