28 Apr 2015, 15:55
ނޭޕާލްގެ ލަމްޖުންއަށް އައި 7.9 މެގްނަޓިއުޑްގެ ބާރުގަދަ ބިންހެލުމާ ގުޅިގެން އެގައުމުގައި ހާލުގައިޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ދިވެހި ސަރުކާރުން ނޭޕާލަށް 50،000 އެމެރިކާ ޑޮލަރު ހަދިޔާކުރަން ނިންމައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ، މިއަދު 'ސަން، އަށް ވިދާޅުވީ، ސަރުކާރުގެ ފަރާތުން އެ ފައިސާ ނޭޕާލަށް ހަދިޔާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ނިންމަވާފައިވާ ކަމަށެވެ.
"ނޭޕާލަށް އައި ބިން ހެލުމުގެ ސަަބަބުން ލިބުނު ގެއްލުންތަކާ ގުޅިގެން އެހީތެރިވުމަށް ކުރިއަށް ގެންދާ ކަންތައްތަކަށް އެހީތެރިވުމުގެ ގޮތުން އެ ފައިސާ ދެެއްވުމަށް ނިންމެވީ ފޮރިން މިނިސްޓްރީގެ ބެއްލެވުމުގެ ދަށުން،" މުއާޒު ވިދާޅުވި އެވެ.
ގިނަ އަދަދެއްގެ ބަޔަކު މަރުވެ، މުދަލަށާއި އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު އެ ބިންހެލުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، މީގެކުރިން ވަނީ ނޭޕާލްގެ ބޮޑުވަޒީރު ސުޝިލް ކޮއިރަލާއަށް ހަމްދަރުދީގެ މެސެޖެއް ވެސް ފޮނުއްވާފައެވެ.
މިދިޔަ ހޮނިހިރު ދުވަހު ނޭޕާލަށް އައި އެ ބިން ހެލުމުގެ އަސަރު އިންޑިއާ ވެސް ވަނީ ކޮށްފައެވެ. އެ ހާދިސާގައި މަރުވި މީހުންގެ އަަދަދު މިހާތަނަށް 10،000 އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ބޭރުގެ ހަބަރުފަތުރާ ވަސީލަތްތަކުން ވަނީ ބުނެފައެވެ.