މަޝްހޫރު ޅެންވެރިޔާ އަދި ލިޔުންތެރިޔާ ޑޭޒީމާގޭ އައިމިނަތު ފާއިޒާ އަށް ސްޓްރޯކެއް ޖެހި ހާލުކޮޅު ސީރިއަސް ވުމާއި ގުޅިގެން އައިޖީއެމްއެޗްގެ އިމަޖެންސީ ރޫމް ގައި ފަރުވާ ދެމުން އެބަދެ އެވެ.

ފައިޒާގެ ދަރިކަލުން މުހައްމަދު ހިލްމީ މިއަދު ވިދާޅުވީ މަންމާފުޅު ވަރުފުޅު ނެތިގެން ހޮސްޕިޓަލަށް ގެންދިޔައީ އިއްޔެ އިރުއޮއްސުނު އިރު ކަމަށެވެ. އަދި މިހާރު އޮންނެވީ ވަރަށް ކްރިޓިކަލް ހާލަތެއް ގައި ކަމަށް ވެސް ހިލްމީ ވިދާޅުވި އެވެ.

"އިއްޔެ މަންމާފުޅުގެ ގައިން ވަރުފުޅުނެތުމުން ހޮސްޕިޓަލަށް ގެނަނީ. ވަރަށް ކްރިޓިކަލް ސްޓޭޖެއްގައި މިވަގުތު އޮންނެވީ." ހިލްމީ ވިދާޅުވި އެވެ.

އިޝްގީ ޅެންް ހެއްދެވުމުގައި އާދަޔާ ހިލާފު ކުޅަދަނާކަމެއް ލިބިވަޑައިގެންފައިވާ ފާއިޒާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 30 ސެޕްޓެމްބަރު 1924 ގައި ގ. ބޮޑުފެންވަޅުގޭގަ އެވެ. ބައްޕަ އަކީ އަލްމަރުޙޫމް ޔޫސުފް މޫސާ، ބެރުގޭ ޔޫސުފް ފުޅެވެ. މަންމައަކީ ބޮޑުފެންވަޅުގޭ ދޮންދީދީ އެވެ.

އުމުރުފުޅުން 86 އަހަރުފުޅުގެ ފާއިޒާ އަކީ ރާއްޖޭގައި އެންމެ ފުރަތަމަ އުފެއްދި ސިޔާސީ ޕާޓީ ކަމަށްވާ މުތަގައްދިމް ޕާޓީގެ އިސްތިޝާރީ ކޮމިޓީގެ މެމްބަރު ކަމުގެ އިތުރުން ދިވެހި ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް މުހައްމަދު އަމީން ދީދީ އުފެއްދެވި ދިވެހި ޅެންވެރިންގެ ބަގީޗާގެ ތެރެއިން އުފެދިގެން އައި ކުޅަދާނަ އާދަޔާހިލާފު ޅެންވެރި އެކެވެ. ޅެންވެރިކަމުގައި އޭނާއަށް ނިސްބަތް ކުރަނީ ޑޭޒީމާގެ ނަމުގައެވެ.

އުމުރުފުޅުން 20 އަހަރުގައި ޅެން ހައްދަން ފެއްޓެވި ފާއިޒާ އަކީ މަދަރުސަތުއް ސަނިއްޔާގެ ނާޒިރާގެ ނައިބު ކަމާއި ސަނިއްޔާގެ މުދައްރިސާ ކަމާއި ދިވެހި ބަހާ އަދަބަށް ހިދުމަތްކުރާ ގައުމީ މަޖިލީހުގެ މެންބަރުކަމާއި އެމަޖިލީހުގެ އެހިތެރިޔާ ކަން ކުރެއްވެވި ބޭކަނބަލެކެވެ.