ކޮންމެ ޓީމަކަށް ކުޅުނު ނަމަވެސް ރޮނާލްޑޯއަށް ހެޓްރިކް ހެދިދާނެ ކަމަށާއި ނަމަވެސް މެސީއަށް އެކަން ނުކުރެވޭނެކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗް އެލެކްސް ފާގަސަން ބުނެފިއެވެ.

ކުރިން މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ރޮނާލްޑޯއަށް އިރުޝާދު ދިން ފާގަސަން ބުނީ ވަރަށް ގިނަ ބަޔަކު މެސީއަކީ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ބުނާކަމަށާއި ނަމަވެސް އެކަމަށް ގިނަ ބަޔަކު އެއްބަސް ނުވެ، ސަބަބުތައް ދައްކާ ކަމަށެވެ.

ރޮނާލްޑޯ ލަނޑު ޖެހުމަށްފަހު އުފާކުރަނީ --- ފޮޓޯ/އޭޕީ

"ރޮނާލްޑޯއަށް މިލްވޯލް [އިނގިރޭސި ވިލާތުގެ ލީގް ޗެމްޕިއަންޝިޕްގައި ކުޅޭ ޓީމެއް] ނުވަތަ ކިޔުޕީއާރް ނުވަތަ ޑޯންކާސްޓްރޯ [އިނގިރޭސި ފުޓްބޯޅަ ލީގް އެކެއް ގައި ކުޅޭ ޓީމެއް] ނުވަތަ އެހެން ކޮންމެ ޓީމަކަށް ކުޅުނަސް ހެޓްރިކް ހެދިދާނެ. އަހަންނަށް ހީނުވޭ މެސީއަކަށް އެކަން ވާނެހެނެއް،" ފާގަސަން ބުންނެވެ.

ފާގަސަން ބުނީ ރޮނާލްޑޯއަކީ ދެފައިންވެސް އެއްވަރަށް ކުޅޭ މޮޅު ކުޅުންތެރިޔެއް ކަމަށެވެ.

މެސީ ލަނޑު ޖެހުމަށްފަހު އުފާކުރަނީ --- ފޮޓޯ/އޭޕީ

މެސީއާ ބެހޭގޮތުން ފާގަސަން ބުނީ މެސީއަކީވެސް މޮޅު ކުޅުންތެރިޔެއް ކަމަށާއި ނަމަވެސް މެސީއަކީ ހަމައެކަނި ބާސެލޯނާގައި މޮޅަށް ކުޅެވޭނެ ކުޅުންތެރިޔެއްކަމަށެވެ.