05 May 2015, 09:06
ހދ. ހަނިމާދޫގައި ހަދާފައިވާ ސިޓީ ހޮޓަލުން، ބޭރުކުރާ ނަޖިސް ރަށުތެރެއަށް ފެތުރެމުންދާތީ ރަށުގައި ބަލިމަޑުކަމެއް ފެތުރިދާނެ ކަމަށްބުނެ އެ ރަށު ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
އެ ރަށުގެ ރައްޔިތަކު "ސަން"އަށް މައުލޫމާތު ދެމުން ބުނީ ރަށުގައި ހަދާފައިވާ ސިޓީ ހޮޓަލުން، ބޮޑުކަމުދާ ނަޖިސް ނައްތާލުމަށް 100 ފޫޓާއި 50 ފޫޓު ހުންނަވަރުގެ ބޮޑު ވަޅުގަނޑެއް ކޮނެފައިވާއިރު އެ ވަޅު މިހާރު ވަނީ ފުރިފައި ކަމަށެވެ.
"އެ ވަޅުގަނޑު ފުރުމާ ގުޅިގެން ޕެޓްރޯލް ޕަމްޕެއްގެ އެހީގައި އެ ޖަންގްޝަނުން ނަޖިސް ހިންދަމުން އަންނަނީ. އެހެން ނަމަވެސް ޕަމްޕު ބޭނުން ކޮށްގެން ދޫކުރާ ނަޖިސްތައް ބޭރު ކޮށްފައި ހުންނަނީ ރަށުތެރެއަށް،" އެ މީހާ ބުންޏެވެ.
ރަށުތެރެއަށް އެފަދަ ނަޖިސްތަކެއް ބޭރު ވުމުގެ ސަަބުބުން ދިމާވެދާނެ ސިއްހީ މައްސަލަތަކާ ގުޅޭގޮތުން ހަނިމާދޫ ސިއްހީ މަރުކަޒުން ބުނީ، އެފަދަ ނަޖިސްތަކެއް ރަށުގެ ވަލުތެރެއަށް ނަމަވެސް ބޭރުވަމުން ދިއުމުގެ ސަބަބުން ރަށުތެރޭގައި ބަލިމަޑުކަމެއް އުފެދިދާނެ ކަމަށެވެ. އެގޮތުން ހޮޑުލުމާއި ބޭރަށް ހިންގުންފަދަ ބަލިމަޑުކަމެއް އާންމުގެން ދިއުމުގެ ނުރައްކާ އޮތްކަމަށް ވެސް ސިއްހީ މަރުކަޒުން ބުންޏެވެ.
ހަނިމާދޫ ސިއްހީ މަރުކަޒުގެ އޮފިޝަލަކު ވިދާޅުވީ، ރަށުތެރެއަށް ނަޖިސް ބޭރުކުރާ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ހަނިމާދޫ ރަށު ކައުންސިލްގައި އެތައް ފަހަރެއްގެ މަތިން އެދިފައިވާ ކަަމަށެވެ. އެގޮތުން ކައުންސިލުން އެކަމަށް އަވަސް ހައްލެއް ހޯދައިދޭނެ ކަމަށް ބުނި ފަހުން ވެސް މިހާރު ހަތަރު މަހަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވިއްސާރަ މޫސުމާ ދިމާވެފައިވާއިރު ވާރޭ ވެހުމުން އެ މައްސަލަ އިތުރަށް ގޯސްވުން އެކަށީގެންވޭ. ސަބަބަކީ އޭގެ ސަބަބުން އެ ނަޖިސްތައް ގިނަ ތަންތަނަށް ފެތުރިގެންދާނެތީ،" އޮފިޝަލް ވިދާޅުވިއެވެ.
ހަނިމާދޫ އުތުރު އަވަށުގައި ހަދާފައިވާ ސިޓީ ހޮޓާ ހުންނަ ސަރަހައްދުގައި ދިރިއުޅޭ ބައެއް ފަރާތްތަކުން ބުނީ، ހޮޓަލުން ނަޖިސް ނައްތާލުމަށް ތައްޔާރުކޮށްފައިވާ ނިޒާމުގެ ސަބަބުން، އެ ހިސާބުގަނޑުގެ ބައެއް ގެތަކުގެ ފެނުގައި ނުބައި ވަސްދުވާ ކަމަށެވެ.
ހަނިމާދޫ ރައްޔިތުންގެ ގިނަ ބަޔަކު ވެސް މިހާރު އެ މައްސަލަ ރަށު ކައުންސިލަށް ހުށަހަޅާފައިވާ ކަަމަށްވެ އެވެ.
ހަނިމާދޫ ސިޓީ ހޮޓަލުގެ ނަޖިސް ހިންދާ ވަޅުގަނޑުން ރަށުތެރެއަށް ނަޖިސް ބޭރުވާ މައްސަލައިގައި ހަނިމާދޫ ކައުންސިލްގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.