ދަހިވެތިކަމުގައި ރާއްޖެއަށް ވެރިވުމަށް އަންނާނެ މީހުން ތިބޭނެ ކަމަށް ޑިފެންސް މިނިސްޓަރު މޭޖާ ޖެނެރަލް ރިޓަޔާޑް މޫސާ ޢަލީ ޖަލީލު ވިދާޅުވެއްޖެއެވެ.

ސިފައިންގެ ޚިދުމަތަށް 123 އަހަރު ފުރުން ފާހަގަ ކުރުމަށް ކަޅުތުއްކަލާ ކޮށީގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ދަހިވެތިކަމުގައި މީހުން އަންނަނީ ވާގިދޭނެ ބަޔަކު ރާއްޖޭގައި ތިބޭތީ ކަމަށެވެ.

"... ސޯމާލިޔާ މީހުން ނާންނާނެ ކަމަކަށެއް އަޅުގަނޑުމެން ނުބަލަން. އަދި ސޯމާލިޔާ ނޫނަސް އަޅުގަނޑުމެންގެ ގައުމުގެ ދަހިވެތިކަމުގައި އަންނާނެ މީހުން ތިބޭނެ،" އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ސިފައިންގެ ގާބިލުކަމާއި ހުށިޔާރުކަން ދެނެގަނެ، ރާއްޖެއަށް އެ އުސޫލުން އަންނާނެ މީހުން ދުވަހުން ދުވަހަށް މަދުވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ސިފައިން މިހާރު ތިބީ އެފަދަ ގޮތް ގޮތަށް އަންނަ މީހުންނަށް ފުރުސަތު ދޭ ގޮތަކަށް ނޫން ކަމަށާއި ރާއްޖެ ދިފާއު ކުރާނެ ކަމަށް ވެސް ޖަލީލު ވިދާޅުވިއެވެ.

"...އަޅުގަނޑުމެންގެ ސިފައިން މިއަދު މިތިބީކީ އެފަދަ ފުރުސަތެއް ދޭކަށެއްނޫން. އަޅުގަނޑުމެންގެ ސިފައިން ﷲ އިރާދަކުރެއްވިއްޔާ މިގައުމު ދިފާއު ކުރާނަން. އަޅުގަނޑުމެންގެ ސިފައިން، އަޅުގަނޑުމެންގެ ގާނޫނީ ވާޖިބުތައް އަދާކުރާނަން،" އޭނާ ވިދާޅުވިއެވެ.

މިނިޓަރު ޖަލީލަށް ވުރެ ކުރިން ކުރިން އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް ވިދާޅުވީ ގޯދީ ރާޖާގެ ހަނގުރާމައާ ކުރިމަތިވި ހިނދު ދިވެހި ސިފައިން އެ ހަނގުރާމަ ކާމިޔާބު ކުރި ކަމަށެވެ. އަދި އޭގެ ފަހުން އެފަދަ ކަމެއް ކުރިމަތިވީ 1988 ވަނަ އަހަރުގެ ނޮވެމްބަރު ތިނެއްގައި ކަމަށާއި އެ ދުވަހު ވެސް ސިފައިންގެ ގާބިލުކަމާއި ލިބިފައި ހުރި ތަމްރީނު ފުރިހަމައަށް ބޭނުން ކުރި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"...އަދި ކުރިއަށް އޮތް ތަނުގައި ވެސް ދެމިތިބޭނީ މިގައުމުގެ ސަލާމަތުގައި. އަޅުގަނޑުމެން ކޮށްފައި އޮތް ހުވަޔަށް އަޅުގަނޑުމެން ދެކޮޅެއް ނުހަދާނަން،" ޖެނެރަލް ޝިޔާމް ވިދާޅުވި އެވެ.