ބާރުގަދަ ބިންހެލުމެއް އައިސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ނޭޕާލުގައި ތިބި ދިވެހިން މިރޭ ދަންވަރުގެ ވަގުތެއްގައި ރާއްޖެއަށް ގެނެވޭ ކަމަށް ގައުމީ އެއާލައިންއިން ބުނެފިއެވެ.

އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބުދުލް ހާރިޝް މިއަދު ސަން ވިދާޅުވީ، މޯލްޑިވިއަންގެ ފްލައިޓް، ނޭޕާލަށް ދިއުމުގެ ހުއްދަ އަދިވެސް ލިބިފައިނުވުމުގެ ސަބަބުން ބަނގުލަދޭޝް އެއާލައިނެއް މެދުވެރިކޮށް ނޭޕާލުގައި ތިބި ދިވެހިން ބަނގުލަދޭޝްއަށް ގެންގޮސް ބަނގުލަދޭޝްގެ މަގުން ރާއްޖެއަށް ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

މިހާރު ޕްލޭން އޮތްގޮތުން މިރޭ ދަންވަރު 3:30 ކަންހާއިރު ނޭޕާލުގައި ތިބި ދިވެހިން މާލެ ގެނެވޭނެ ކަމަށް ހާރިޝް ވިދާޅުވިއެވެ.

"ބީމާންގެ ފުލައިޓެއް ޗާޓާ ކުރަނީ އަޅުގަނޑުމެން. އެބޯޓް ދެންމެ އަޅުގަނޑުމެންނަށް މިފުރުވާލެވުނީ ޑާކާއިން. އެހެންވީމަ ނޭޕާލަށް އެބޯޓް ޖައްސާފައި އެތަނުން ދިވެހިން ނަގައިގެން ޑާކާއަށް އަންނާނެ. އައީމަ އަޅުގަނޑުމެންގެ ބޯޓް{މޯލްޑިވިއަން} ބައިގަޑި އިރުތެރޭ ޑާކާއަށް ފުރުވާލާނަން. އޭރުން އޭތީގައި އަންނާނީ،" ހާރިޝް ވިދާޅުވިއެވެ.

ހާރިޝް ވިދާޅުވީ، އެމަސައްކަތް ކުރަމުންދަނީ ފޮރިން މިނިސްޓްރީ އާއި ބަނގުލަދޭޝް ހައި ކޮމިޝަނުގެ ވަރަށް ބޮޑު އެއްބާރުލުމާއެކު ކަމަށެވެ.

ނޭޕާލު އެއާޕޯޓަށް ޖެއްސުމަށް އިސްކަންދެނީ އެގައުމަށް ސާމާނު ހިފައިގެން ދާ ފްލައިޓްތަކަށެވެ.

މިހާތަނަށް ބެލިއިރު ނޭޕާލުގައި 100 ވަރަކަށް ދިވެހި ކިޔަވާކުދިން ތިބިކަމަށް އެނގިފައިވެ އެވެ. އެއެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެ އެވެ.

ނޭޕާލުގެ ކަތަމަންޑޫއަށް ރިކްޓާ މިންގަނޑުން 7.9 މެގްނެޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމުގައި 3000 އަށްވުރެ ގިނަ މީހުން މަރުވެ ގިނަ ރައްޔިތުން ހާލުގައިޖެހިފަ އެވެ.