28 Apr 2015, 14:39
ބ. ގޮއިދޫގައި ބަޔަކުމީހުން ގްރޫޕު ހަދައިގެން އަންހެނަކާ ގަދަކަމުން ބަދުއަހުލާދީ އަމަލު ހިންގި މައްސަލައެއްގެ ތުހުމަތުކުރެވޭ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
އެ މައްސަލައިގެ ތުހުމަތުގައި ފުލުހުންގެ ވެބްސައިޓްގައި މިއަދު އާއްމުކޮށްފައިވާ މީހަކީ ބ. ގޮއިދޫ، ފަތިސް، ޔާމީން ފައިސަލް 24 އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، ޔާމީން ފައިސަލް ހޯދަމުން ދަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ.
އެ މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ދެ ދިވެހިން މިހާތަނަށް ވަނީ ހައްޔަރުކޮށްފައެވެ. އެ ދެމީހުންގެ ތެރެއިން 26 އަހަރުގެ މީހާ ހައްޔަރުކުރީ މިމަހުގެ 21 ވަނަ ދުވަހު އެވެ. އަދި 29 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ މިމަހުގެ 7 ވަނަ ދުވަހު އެވެ.
ފުލުހުން ބުނީ މި މައްސަލައިގައި މިހާރު ހޯދަމުން އަންނަ ޔާމީން ފައިސަލްގެ އިތުރުން އަނެއް ދެ މީހުންގެ މައްޗަށް ވެސް ތުހުމަތުކޮށްފައިވަނީ ފޮރެންސިކް ތަހުލީލް ރިޕޯޓްތަކުން ލިބިފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަމަށެވެ.