ބޯލްޓިމޯ، އެމެރިކާ ( އޭޕީ) - ކަޅު ނަސްލުގެ މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި މަރުވުމާ ގުޅިގެން އެމެރިކާގެ ބޯލްޓިމޯގައި ފެށި މުޒާހަރާތައް ހަމަނުޖެހުންތަކަކަށް ބަދަލުވުމުން އެރަށުގައި ރޭގަނޑު މީހުން ބޭރަށް ނުކުމެ އުޅުން މަނާކޮށްފިއެވެ.

ބޯލްޓިމޯގައި މިއަދުން ފެށިގެން ބޭރަށް ނުކުމެ އުޅުން މަނާކޮށްފައި ވަނީ ރޭގަނޑު 10:00 އިން ފަތިހު 5:00 އަށެވެ. އެރަށުގެ ޕަބްލިކް ސްކޫލްތައް ވެސް މިއަދު ވަނީ ބަންދުކޮށްފައެވެ.

ބޯލްޓިމޯގައި އިއްޔެ ހިނގި ހަމަނުޖެހުންތަކުގައި ފުލުހުންގެ 15 މީހަކަށް ހާނީއްކަވި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެ ހަމަނުޖެހުންތަކާ ގުޅިގެން 20 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ.

ބޯލްޓިމޯގައި މުޒާހަރާ ކުރަން ފެށީ މީގެ މަހެއްހާ ދުވަސް ކުރިން ފުލުހުން ހައްޔަރުކޮށް، ޖިޕަކަށް އަރުވައިގެން ގެންދިޔަތާ ގިނަ އިރުތަކެއް ނުވަނީސް މަރުވި ފްރެޑީ ގްރޭގެ ޖަނާޒާ ބޭއްވުމާ ގުޅިގެންނެވެ.

ކަޅު ނަސްލުގެ މީހުންނާ މެދު ފުލުހުން ބޭއިންސާފުން ކަންތައް ކުރާ މައްސަލަގައި އެމެރިކާގައި މިއަހަރު ގިނަ މުޒާހަރާތަކެއް ކޮށްފައި ވެއެވެ. ނަމަވެސް ބޯލްޓިމޯގައި އިއްޔެ ކުރި މުޒާހަރާއަކީ އޭގެ ތެރެއިން އެންމެ ހަމަނުޖެހުންބޮޑު މުޒާހަރާތައް ކަމަށް މުރާސިލުން ފާހަކުރެއެވެ.