28 Apr 2015, 14:20
އޯޓިޒަމް ކުދިންނަށް އެހީވުމަށް އާސަންދަ މުވައްޒަފުން އިސްނަގައިގެން ފައިސާގެ އެހީއެއް ފޯރުކޮށްދީފި އެވެ.
މިކަމަށްޓަކައި މިއަދު ހެނދުނު އާސަންދަ އޮފީހުގައި ބޭއްވި ހަފްލާގައި އެހީއާ ހަވާލުވެވަޑައިގަތީ އޯޓިޒަމް އެސޯސިއޭޝަންގެ ފަރާތުން މެނޭޖިން ޑިރެކްޓަރު އިފްހާމް ހުސައިން އެވެ.
މިހަފްލާގައި އާސަންދަ ސްޓާފުންގެ ފަރާތުން އޯޓިޒަމް ކުއްޖެއް ސްޕޮންސަރ ކޮށް އެކުއްޖާގެ އެއް އަހަރުގެ ފަރުވާއަށް ހިނގާ ހަރަދަށް ވާ, ބައިލައްކަ ރުފިޔާގެ ފައިސާގެ އެެހީ އެ އެސޯސިއޭޝަން ފޯރުކޮށްދީފައި ވާކަމަށް އާސަަންދައިން ބުންޏެވެ.
އާސަންދައިން ބުނީ، އޯޓިޒަމް ކުދިންނާއި އެކުދިންގެ އާއިލާތަކާއެކު އާސަންދަ މުވައްޒަފުން ތިބިކަން ހާމަކޮށްދިނުމުގެ ގޮތުން ޝުއޫރު ފާޅުކޮށް، ކޮންމެ މުވައްޒަފެއްގެ ފަރާތުން ކާޑެއްވެސް ހަވާލުކުރެވުން ވެސް މިއަދު އޮތްކަމަށެވެ.
މިއަދުގެ އެ ހަފްލާގައި ވާހަކަ ދައްކަވަމުން އާސަންދައިގެ ޖެނެރަލް މެނޭޖަރު އަބްދުﷲ އަޝްވަނީ ވިދާޅުވީ، އޯޓިޒަމް ބަލި ހުންނަ ކުދިންނަށް އެހީވުމަށް އާސަންދައިން ދެވެން އޮތް ހުރިހާ އެހީތެރިކަމެއް ވެދެއްވާނެ ކަމަށެވެ.
އޯޓިޒަމް ކުދިންގެ ފަރުވާއަށް ބޭނުންވާ ހުރިހާ ކަމެއް އާސަންދައިގެ ދަށުން ހަމަޖައްސައި، ބޭނުންވާ ހުރިހާ ބޭހެއް ލިބޭނެގޮތް ހައްދަވައިދެއްވަން މަސައްކަތްކުރައްވާނެ ކަމަށްވެސް ވަނީ އަޝްވަނީ ވިދާޅުވި އެވެ.
"... މީގެއިތުރުން އާސަންދައިގެ ހުރިހާ ސްޓާފުންގެ އެހީތެރިކަން އޯޓިޒަމް އެސޯސިއޭޝަނައް އަބަދުވެސް ލިބެމުންދާނެކަމުގެ ޔަގީންކަން އަރުވަން،" އާސަންދައިގެ ޖެނެރަލް މެނޭޖަރު ވިދާޅުވިއެވެ.
އޯޓިޒަމް އެސޯސިއޭޝަންގެ ފަރާތުން މެނޭޖިން ޑިރެކްޓަރު އިފްހާމް ހުސެއިން ވަނީ އާސަންދައިން އޯޓިޒަމް ކުދިންނަށް ވެދެއްވަމުން ގެންދާ އެހީއަށް ޝުކުރު އަދާކޮށްފައެވެ. އަދި އެކުދިންނަށް އިތުރަށް އެހީ ބޭނުންވާ ދާއިރާތަށްވެސް ވަނީ އާސަންދައިގެ މެނޭޖްމެންޓާއި ހިއްސާކޮށްފައެވެ.
އާސަންދަ އޮފީހުގައި މިއަދު ބޭއްވި ހަފްލާގައި އޯޓިޒަމް އެސޯސިއޭޝަންގެ އިސްބޭފުޅުންނާއި، އޯޓިޒަމް ކުދިން އަދި އެކުދިންގެ ބެލެނިވެރިންގެ އިތުރުން އާސަންދައިގެ މެނޭޖްމެންޓާއި މުވައްޒަފުން ބައިވެރިވެފައިވާ ކަމަށް އާސަންދައިން ބުންޏެވެ.