24 Feb 2011, 15:03
މާލޭ މޭޔަރުކަމަށް ހުޅުހެންވޭރު ދާއިރާއިން ކައުންސިލަށް ހޮވިވަޑައިގެންނެވި މައިޒާން އަލިބެ އާއި މާފަންނު ހުޅަނގު ދާއިރާއިން ހޮވިވަޑައިގެންނެވި މުހައްމަދު ފަލާހު ކުރިމަތި ލައްވައިފި އެވެ. އަދި އައްޑޫ ކައުންސިލަށް އަބުދުﷲ ސޯދިގު އާއި ހުސެއިން ފަހުމީ ކުރިމަތިލައްވައިފި އެވެ.
ސަން އޮންލައިނަށް އެކަން ޔަގީންކޮށް ދެއްވަމުން ފަލާހް މިއަދު ވިދާޅުވީ، އޭނާ މޭޔަރުކަމަށް ކުރިމަތިލެއްވީ މާލޭގައި ހުރި މައްސަލަތައް ހަމައަކަށް އެޅުވުމުގެ މަގުސަދުގައި ކަމަށެވެ.
"މާލޭގަ އެބަހުރި ވަރަށް ގިނަ މައްސަލަތަކެއް. މާލެ މިދަނީ އެއްދުވަހުން އަނެއް ދުވަހަށް ގޮނޑުވަމުން. މާލެއަކީ ވެރިކަން ކުރާރަށް އަދި އެންމެންގެ މޫނުމަތި. ގާނޫނުން ކައުންސިލަށް ދީފައިވާ ބާރުތަކުގެ ބޭނުން ހިފައިގެން މާލޭ ރައްޔިތުންގެ އުއްމީދުތައް ހާސިކޮށްދޭނަން. މާލޭ ފެހިކޮށް ރީތި ކުރުމަށާއި މާލެ ހަމައަކަށް އެޅުވުމަށް އަޅުގަނޑުމެންގެ މެނިފެސްޓޯގައި ވެސް ވަނީ ބާރު އަޅުއްވައިފައި،" ފަލާފް ވިދާޅުވި އެވެ.
މޭޔަރުކަމަށް ކުރިމަތިލައްވާފައިވާ ދެވަނަ ކެނޑިޑޭޓް މައިޒާން އަލިބެއަށް އިޝާރާތް ކުރައްވައި، ފަލާހް ވިދާޅުވީ، އަމިއްލަ ޕާޓީގެ ބޭފުޅަކު ވާދަ ކުރެއްވި ނަމަވެސް މޭޔަރުކަން ކާމިޔާބު ކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން ލިބިވަޑައިގެންފައިވާ ކަމަށެވެ.
"އަޅުގަނޑާ ވާދަކުރަނީ އަލިބެ. އެކަމަކު އަޅުގަނޑު އުއްމީދު ކުރަނީ އަޅުގަނޑުގެ ބައިވެރިން އަޅުގަނޑަށް ފުރުސަތު ދެއްވާނެކަމަށް" ފަލާހު ވިދާޅުވި އެވެ.
މިކަމާ ގުޅޭ ގޮތުން މައިޒާން އަލިބެގެ ބަހެއް ހޯދަން ގުޅިއިރު ބައްދަލުވުމެއްގައި އަލިބެ އިންނެވުމުގެ ސަބަބުން މައުލޫމާތު ލިބޭގޮތް ވަނީ ނުވެފަ އެވެ.
ހަމައެކި އެމްޑީޕީގެ މެންބަރުން ހިމެނޭ އައްޑޫ ކައުންސިލްގެ މޭޔަރުކަމަށް ކުރިމަތިލެއްވި ދެ ބޭފުޅުންގެ ތެރެއިން އަބުދުﷲ ސޯދިގު (ސޯބެ) މިއަދު ވިދާޅުވީ، މޭޔަރުކަމަށް ކުރިމަތި ލެއްވީ އައްޑޫ ރައްޔިތުންނަށް އާމްދަނީ އިތުރުކޮށްދޭނެ މަގުފަހިކޮށް އައްޑޫގެ ރައްޔިތުންނަށް ފުރިހަމަ މުނިސިޕަލް ސާވިސްއެއް ދިނުމުގެ މަގުސަދުގައި ކަމަށެވެ. އަދި ކައުންސިލްގައި ހުންނަވައިގެން އައްޑޫ ކުރިއެވުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
" އެންމެ އިސްކަމަށް ބަލަނީ ވަޒީފާގެ ފުރުސަތު އިތުރުކޮށް ރައްޔިތުންނަށް އާމްދަނީ ލިބޭނެގޮތަތް ގާއިމް ކުރުމަށް. އޭގެ ތެރޭގައި އީކޯ ޓޫރިޒަމް ތައާރަފް ކުރުމާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީވެދީ ކުރިއެރުން ހޯދޭނެ މަގުތައް ދައްކައިދޭނަން. އަދި އައްޑޫ ރައްޔިތުންގެ އުއްމީދެއް ކަމަށްވާ ނަލަފެހި އައްޑޫގެ ޝިއާރު ކުރިއަރުވާނަން. ރަނގަޅު މުނިޕަލް ސާވިސްއެއް ނުދެވި އޮތުމުގެ ސަބަބުން އައްޑޫއަށް ވަނީ ބޮޑެތި މައްސަލަތަކެއް ދިމާވެފައި އަޅުގަނޑު އެކަންތައްތައް ހަމައަކަށް އަޅުވާނަން" ސޯބެ ވިދާޅުވި އެވެ.
އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޝާހު މިއަދު ވިދާޅުވީ، ކައުންސިލްތަކުގެ ރައީސުންނާއި ނާއިބު ރައީސުންނަށް ކުރިމަތިލާނެ ފަރާތްތައް ހަމަޖައްސަމުން ގެންދަނީ ދާއިރާ މަޖިލިސްތަކުގެ މަޝްވަރާގެ މަތިންކަމަށެވެ.
"ގާނޫނު އޮންނަގޮތުން ވަކި މީހަކު ޕާޓީން އެކަމަށް ކުރިމަތިލާން ނިންމޭ ގޮތަކަށްނޫން އޮންނަނީ. އެހެންކަމުން ލޮބީ ކުރުމުގެ ފުރުސަތު ކޮންމެ ފަރާތަކަށް ވެސް އޮންނަގޮތަށް އަޅުގަނޑުމެން އޮންނާނީ ދާއިރާ މަޖިލިސްތަކުގެ މަޝްވަރާއާއެކު އެކަން ނިންމުމަށް. އެ މަޖިލީހުގައި ކައުންސިލަރުންވެސް ހިމެނޭނެ" ޝާހު ވިދާޅުވި އެވެ.