ވަޒީރުންގެ މަޖިލީހުން ނިންމި ގޮތަށް ކުރިން މާލެ ސިޓީ ކައުންސިލް ހިންގަމުން އައި އިމާރާތް މިއަދު ހުސްކޮށްފި އެވެ.

ހައުސިން މިނިސްޓްރީގެ މީޑިއާ އޮފިޝަލު މިއަދު 'ސަން' އަށް ވިދާޅުވީ، ވަޒީރުންގެ މަޖިލީހުން ނިންމެވި ނިންމެވުމާ ގުޅިގެން، ސިޓީ ކައުންސިލް ހުސްކުރުމަށް ދިން ނޯޓިސް، އިއްޔެގެ މެންދުރު ފަހު ހަމަވުމާ އެކު އެތަން ހުސްކުރުމުގެ މަސައްކަތް ފެށި ކަމަަށެވެ. އެގޮތުން އިއްޔެ މެންދުރު ފަހުން ފެށިގެން މިއަދުގެ ހެނދުނު 6:00 އާ ހަމައަށް އެ މަސައްކަތް ކޮށް ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސިޓީ ކައުންސިލް ހުސްކުރުމުގެ މަސައްކަތް އިއްޔެ މެންދުރު 3 ޖެހިއިރު ފެށިގޮތަށް މިއަދު ހެނދުނު 6 އާ ހަމައަށް ވަނީ ނިންމާލައި އެތަން ހުސްކޮށްފައި،" އޮފިޝަލް ވިދާޅުވި އެވެ.

ސިޓީ ކައުންސިލްގައި ހުރި ތަކެތި ހުރަވީ ބިލްޑިންގުގެ ބަޔަކަށް ބަދަލުކުރުުމުގެ މަސައްކަތުގައި ސިޓީ ކައުންސިލްގެ މުވައްޒަފުންނާއި ފުލުހުންގެ އިތުރުން ހައުސިން މިނިސްޓްރީގެ އޮފިޝަލުން ވަނީ ހަރަކާތްތެރިވެފައެވެ.

މާލޭ ސިޓީ ކައުންސިލްގެ އިދާރާ ހިންގާ އިމާރާތް ސަރުކާރަށް ނެގުމަށް ނިންމީ މިދިޔަ ހަފްތާގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ހައުސިން މިނިސްޓްރީން ހުށަހެޅި ކަރުދާހެއްގެ މައްޗަށް މަޝްވަރާކުރުމަށް ފަހު އެ މަޖިލީހުން އެގޮތަށް ފާސްކުރުމާ ގުޅިގެންނެވެ.

ސިޓީ ހޯލް ހުސްކުރުމަށް ފަހު އެތަނުގައި ކުރިން ހިންގި ސިޓީ ކައުންސިލްގެ އެންމެހާ ލިޔެކިޔުމާއި އޮފީސް ސާމާނުތައް ބަދަލުކޮށްފައިވަނީ ހުރަވީ ބިލްޑިންގުގައި ކުރިން ޖެންޑާ މިނިސްޓްރީ ހިންގި ފްލޯ އަށެވެ.

" ހުރަވީ ބިލްޑިންގަށް ސިޓީ ކައުންސިލްގެ ތަކެތި ބަދަލުކުރުމުން އެތަނުގެ އޮފީސް ސެޓަޕް ހެދުމުގެ މަސައްކަތް ކުރާނީ ކައުންސިލުން،" އޭނާ ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލްގެ މަސައްކަތްތައް އެހެން އިމާރާތަކަށް ބަދަލު ކުރަން ޖެހޭތީ އާއި ބަދަލު ކުރަން ޖެހޭ އިމާރާތުގެ ހާލަތު ހުރި ގޮތުން އެތަނުން ދޭ ޚިދުމަތްތައް ގިނަ ދުވަސްތަކަށް މެދުކެނޑިދާނެ ކަމަށް އެކައުންސިލުން ކުރިން ވަނީ ބުނެފައެވެ.

ސިޓީ ކައުންސިލް ހިންގި އިމާރާތް ހައުސިން މިނިސްޓްރީން ހުސްކުރުމުގެ މަސައްކަތް ފެށީ އެތަން ހުސްކުރުމަށް ދިން ހަތް ދުވަހުގެ ނޯޓިސްގެ މުއްދަތު ހަމަވުމުންނެވެ.