މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް މިދިޔަ އަހަރު ލިބުނު ފައިދާގެ ތެރެއިން ހިއްސާއަކަށް 20 ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާ އަށް ހުށަހަޅަން ޑައިރެކްޓަރުންގެ ބޯޑުން ނިންމައިފި ކަަމަށް އެމްޓީސީސީގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމު ވިދާޅުވެއްޖެ އެވެ.

'ސަން' އަށް މައުލޫމާތު ދެއްވަމުން ހަލީމު މިއަދު ވިދާޅުވީ އަހަރީ އާއްމު ޖަލްސާ އަށް ވާން ޖެހޭ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން ބޯޑުން ނިންމާފައި މިވަނީ ހިއްސާ އަކަށް 20 ރުފިޔާ ބަހަން ފެންނަ ކަމަށް. ދެން އެ ގޮތަށް އާންމު ޖަލްސާ އަށް ހުށަހަޅާނީ،" ހަލީމް ވިދާޅުވި އެވެ.

އެމްޓީސީސީ އަށް ވަނީ ފާއިތުވި އަހަރު ރިކޯޑް މިންވަރަކަށް ފައިދާވެފަ އެވެ. އެގޮތުން ސާފު ފައިދާގެ ގޮތުގައި އެމްޓީސީސީ އަށް އެ އަހަރު 81.6 މިލިއަން ރުފިޔާ ވަނީ ލިބިފަވެ އެވެ.

ހިއްސާއަކަށް ބަހަން ބޯޑުން ނިންމާފައިވާ މިންވަރު ހުށަހެޅުމުން އެ މިންވަރު ފާސްކުރާނީ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރުންގެ ވޯޓުންނެވެ.

އަހަރީ އާއްމު ޖަލްސާ އަންނަ މަހު 25ގައި ބޭއްވުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ހަލީމް ވިދާޅުވި އެވެ.

އެމްޓީސީސީ އިން 2013 ވަނަ އަހަރު ހިއްސާއަކަށް ބަހާފައި ވަނީ 16 ރުފިޔާ އެވެ.