28 Apr 2015, 12:16
މިދިޔަ ހޮނިހިރު ދުވަހު ނޭޕާލުގެ ވެރިރަށް ކަތަމަންޑޫއަށް ބާރުގަދަ ބިންހެލުމުގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމުގެ ގޮތުން އިންޑިއާގެ ވެރިކަންކުރާ ޕާޓީ ބީޖޭޕީއަށް ނިސްބަތްވާ މަޖިލިސް މެންބަރުންގެ އެއްމަހުގެ މުސާރަ ނޭޕާލަށް ހަދިޔާކުރަން ނިންމައިފި އެވެ.
ނޭޕާލު ބިންހެލުމުގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމުގެ ގޮތުން "ނޭޕާލް ޕްރައިމް މިނިސްޓަރ ރިލީފް ފަންޑް" އަށް އެއްމަހުގެ މުސާރަ ހަދިޔާކުރުމަށް ނިންމުމަށް ފަހު މެންބަރުން ވިދާޅުވެފައި ވަނީ ނޭޕާލް އަދި އިންޑިއާވިޔަސް އެއީ "އެއްގައުމެއްގެ ގޮތުގައި" ދެކޭ ކަމަށެވެ.
ނޭޕާލަށް އައި ބާރު ގަދަ ބިންހެލުމުގައި 4000 ވުރެ ގިނަ މީހުން މަރުވެ ގިނަބަޔަކު ހާލުގައި ޖެހިފައިވާ އިރު، ބިންހެލުން އައި ވަގުތުން ފެށިގެން އިންޑިއާއިން ދަނީ އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ނަރުހުންނާއި ޑޮކްޓަރުން އަދި ކާބޯތަކެއްޗާ ބޯފެނުގެ އެހީވެސް އިންޑިއާއިން ވަނީ ފޯރުކޮށްދީފަ އެވެ.
ބީޖޭޕީގެ މަޖިލިސް މެންބަރުން ފާހަގަކޮށްފައިވާ ގޮތުން އެމީހުން ހަދިޔާ ކުރާ ފައިސާއިން ނޭޕާލުގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް ބޭނުންވާނެ ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެފައި ވަނީ ނޭޕާލަށް ލިބޭ ކޮންމެ ބޮޑު ގެއްލުމަކީ އިންޑީއާއަށްވެސް ލިބޭ ގެއްލުމެއް ކަމަށާއި، ހުރިހާ ގޮތަުންވެސް ނޭޕާލަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.