28 Apr 2015, 11:48
އައްޑޫ ސިޓީގެ އެއާޕޯޓާއި ހޮސްޕިޓަލް ހިންގާ ގޮތް ރައްޔިތުންނަށް ހާމަ ކޮށްދިނުމަށް އެދި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދުއާއި ހެލްތު މިނިސްޓަރު އަހުމަދު ޒުހޫރު ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް ހާޒިރު ކުރުމަށް އިދިކޮޅު އެމްޑީޕީން ހުށަހެޅި މައްސަލަ ބަލައިގަންނަން ކޮމިޓީ އިން ފާހެއް ނުވި އެވެ.
މިއަދު އޮތް ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުގައި އެ މައްސަލަ ކޮމިޓީއަށް ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވި ނުވަ މެމްބަރުންގެ ތެރެއިން ތިން މެމްބަރުންނެވެ.
މައްސަލަ ހުށަހެޅުއްވި އެމްޑީޕީގެ މެމްބަރުންގެ ތެރެއިން މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު މިއަދު "ސަން" އަށް ވިދާޅުވީ ކޮމިޓީއިން އެ މައްސަލަ ބަލައިގަންނަން ނިންމީ ކަމެއް ނުވަތަ ނޫން ކަމެއް ދަންނަވަން ދަތި ކަމަށެވެ.
"އަޅުގަނޑުމެން އެ މައްސަލަ ހުށަހެޅީމާ މައްސަލަ ކޮމިޓީއަށް ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ ތިން މީހުން. މުޅި ޖުމުލަ ތިބީ ނުވަ މީހުން. އެއީ މުގައްރިރު ލައިގެން. ފުރަތަމަ މުގައްރިރު އެއްސެވީ މައްސަލަ ބަލައިގަންނަން. އެހެން ބުނީމަ އަޅުގަނޑުމެން އެމްޑީޕީއަށް ނިސްބަތްވާ ތިން މެމްބަރުން ވޯޓު ދިނިން. އެހެން ވޯޓު ދިނީމަ ދެން އެހެން ގޮތަކަށް ވޯޓަކަށް ނާއްސަވާ. ދެން މުގައްރިރު މި ވިދާޅުވަނީ މި މައްސަލަ ބަލައިގަންނާކަށް ފާހެއް ނުވިއޭ. އަޅުގަނޑު މިދަންނަވަނީ ތިން މީހުން ވަކި ގޮތަކަށް ވޯޓު ދީފައި މައްސަލަ ބަލައިގަންނަން ދެ މީހަކު ވޯޓު ދީފިއްޔަ އަޅުގަނޑުމެން ތިން މީހުންގެ ވޯޓުން ފާސްވީ ނޫންހޭ މައްސަލަ ބަލައިގަންނަން،" ފަލާހު ވިދާޅުވި އެވެ.
އެމްޑީޕީއަށް ނިސްބަތްވާ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފުގެ އިތުރުން މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ސޮއިކޮށް ހުށަހެޅުއްވި އެ މައްސަލައިގައި ވަނީ އައްޑޫގައި އެޅުމަށް ހަމަޖެހިފައިވާ 100 އެނދުގެ ހޮސްޕިޓަލްގެ މަސައްކަތަކީ މިއަހަރުގެ ބަޖެޓުގައި ހިމެނިފައިވާ ކަމެއް ކަމަށާއި އެހެންނަމަވެސް އެ މަސައްކަތްތައް ހުއްޓާލެވިފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ހަމައެއާކު އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ބޭނުންވާ ފައިސާ ހޯދައި ދިނުމަށް ފިނޭންސް މިނިސްޓަރު ޖިހާދު ދެކޮޅު ހައްދަވަމުންދާ ކަމަށް ވެސް މީޑިއާއެއްގައި ރިޕޯޓުކޮށްފައިވާ ކަމަށް ކޮމިޓީއަށް ހުށަހެޅި މައްސަލާގައި ބަޔާންކޮށްފައިވެ އެވެ.