28 Apr 2015, 11:06
އޭއެފްސީ އެގްޒެކެޓިވް ކޮމެޓީ (އެކްސްކޯ) ގައި ދިވެހިރާއްޖެ ތަމްސީލު ކުރުމަށް، އެސްކޯގެ 'ގޮނޑިއެއް' ކާމިޔާބު ކުރުމުގެ އަމާޒުގައި އެފްއޭއެމްގެ އިސް ވަފުދެއް ބަހްރެއިންގައި އޮންނަ 26 ވަނަ އޭއެފްސީ ކޮންގްރެސްގައި ބައިވެރިވެވަޑައިގަތުމަށް ފުރާވަޑައިގެންފި އެވެ.
އެފްއޭއެމުން ބުނީ، އެވަފްދުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން ރާއްޖެއަށް އެކްސްކޯގެ ގޮނޑިއެއް ކާމިޔާބު ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާވާނެކަމަށެވެ. އަދި އެކަން ކާމިޔާބު ވުމުގެ އުންމީދު ވަރަށް ބޮޑުކަމަށް އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޖެނަރަލް ސެކެޓްރީ ބައްސާމް ޢަދީލް ޖަލީލް ވިދާޅުވި ކަމަށެވެ.
ރާއްޖެއަކީ މިހާރުވެސް އެކްސްކޯގެ މެމްބަރެކެވެ. ނަމަވެސް 2011 ވަނަ އަހަރު އިންތިޚާބު ކުރެވުނު ކޮމިޓީގެ ދައުރު މިމަހުގައި ހަމަވާނެއެވެ.
ހިނގަމުން މިދާ ދައުރުގައި ރާއްޖޭގެ ފަރާތުން އެކްސްކޯގައި ތަމްސީލު ކުރައްވަމުން ގެންދަވަނީ އެފްއޭއެމްގެ ކުރީގެ ރައީސް ޢަލީ އާޒިމްއެވެ.
އެފްއޭއެމްގެ ނޯލައިޒޭޝަން ކޮމީޓީގެ އަމާޒަކީ މިފަހަރުވެސް އެކްސްކޯގެ ގޮނޑިއެއް ރާއްޖެއަށް ކާމިޔާބު ކުރުމެވެ.
ބަހްރެއިންއަށް ވަޑައިގެންނެވި މިވަފްދުގައި ބައްސާމްގެ އިތުރުން ދެން ހިމެނިވަޑައިގަންނަވަނީ އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުޙައްމަދު ޝަވީދާއި ނޯމަލައިޒޭޝަން ކޮމީޓިގެ މެންބަރު ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޢަލީ ޢުމަރެވެ.