24 Feb 2011, 14:51
ދެމެހެއްޓެނިވި ތަރައްގީ އާއި އިޤްތިޞާދީ ކުރިއެރުން ފުޅާ ދާއިރާއެއްގައި ހޯދޭނީ ހަމައެކަނި ޑިމޮކްރެޓިކް ވެރިކަމެއްގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ސައުތު އޭޝިޔާ ސެންޓަ ފޯ ޕޮލިސީ ސްޓަޑީޒް (ސަސެޕްސް( އިން އިންތިޒާމް ކޮށްގެން، އިންޑިޔާގެ ނިއުދިއްލީގައި މިއަދު ހެނދުނު ފެށުނު ބައިނަލްއަޤްވާމީ ބައްދަލުވުން "ވާރލްޑް ކޮންފަރެންސް އޮން ރިކްރިއޭޓިން ސައުތު އޭޝިޔާ: ޑިމޮކްރަސީ، ސޯޝަލް ޖަސްޓިސް، އެންޑް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް"ގެ އިފްތިތާހީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ތަގުރީރުގައި ވިދާޅުވީ މިނިވަން ޑިމޮކްރަސީއާއި އިޤްތިޞާދީ މިނިވަންކަމާއި، ހަރުދަނާ އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމަކީ، ގައުމެއްގެ ތަރައްޤީއަށް ކޮންމެހެން ފުރިހަމަ ކުރަންޖެހޭ ކަމެއް ކަމަށެވެ. ރައީސް އަދި ދިވެހި ސަރުކާރުގެ މިހާރުގެ ވިސްނުމަކީ އެއީ ކަމަށާއި، ރާއްޖޭގެ ތަރައްޤީއަށް ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ މި ކަންކަން ފުރިހަމަކުރެއްވުން ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި، ހަރުދަނާ ޑިމޮކްރަސީއަކީ ހަމައެކަނި ބާރުތައް ވަކިކުރެވި، ރައްޔިތުންނަށް ވޯޓު ދިނުމުގެ ޙައްޤުތައް ހޯދައިދިނުން ނޫންކަމަށް އިޝާރާތްކުރައްވާ ވިދާޅުވީ ހަރުދަނާ އަދި ކާމިޔާބުކަމާއެކު ޑިމޮކްރަސީ ކުރިއެރުވުމަށްޓަކައި، ރައްޔިތުންނަށް އެމީހުންގެ އަސާސީ މިނިވަންކަން ކަށަވަރު ކޮށްދޭންޖެހޭނެ ކަމަށެވެ.