28 Apr 2015, 10:42
ލ. މުނޑޫ، ނޫވިލު، އަލީ ޒިޔަދަމްގެ މަރާ ގުޅިގެން ދެ މީހެއްގެ މައްޗަށް ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.
މިދިޔަ މާޗު މަހުގެ 21 ވަނަ ދުވަހުގެ ރޭ ހިންގި މާރާމާރީއާ ގުޅިގެން މަރުވި ޒިޔަދަމްގެ މަރުގެ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކުރަން ޕީޖީ އަށް ފޮނުވާފައި ވަނީ މި މަހުގެ 16 ވަނަ ދުވަހު އެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުންގެ ހައްޔަރުގައި ތިބީ އެ ރަށު ބީޗުވިލާ، އަލީ ޝިފާމް 29، އާއި އެ ރަށު ހީނާވިލާ، މުހައްމަދު ޝަނޫން 24، އެވެ.
އެމީހުންގެ ބަންދުގެ މުއްދަތު އަންނަ މަހުގެ ފަހަކަށް ހަމަވާ އިރު، އެންމެ ފަހުން އެމީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ވަނީ ޖަހައިފަ އެވެ.
ޒިޔަދަމްގެ ބޮލަށާއި ބުރަކަށީގެ އިތުރުން ފައިގެ ފަލަމަސްގަނޑަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ އިރު، އޭނާ މުންޑޫ ހެލްތު ސެންޓަރަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.
ޒިޔަދަމް އަށް ހަމަލަދީ މަރާލާފައި ވަނީ އެމީހުން އަމިއްލަ އަށް ކެއްކި ރާ ބެހުމުގައި ޖެހުނު މައްސަލަތަކެއްގެ ސަބަބުން ކަމަށް އެރަށުން ވާހަކަ ދެއްކި ބައެއް މީހުން ވަނީ ބުނެފަ އެވެ.
މަރުވި ޒިޔަދަމް އަކީ ވައްކަމާއި މަސްތުވާތަކެތީގެ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.