28 Apr 2015, 10:30
މިދިޔަ އަހަރުގެ މާޗް މަހާ އަޅާބަލާއިރު މިއަހަރު މާޗް މަހު ރާއްޖެ އަށް ޓޫރިސްޓުން އައި އަދަދު 6.5 ޕަސެންޓް އިތުރުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ މާޗް މަހު ރާއްޖެ އަށް އައިސްފައި ވަނީ 105،560 ޓޫރިސްޓުންނެވެ. ނަމަވެސް މި އަހަރު މާޗްމަހު އެ އަދަދު ވަނީ 112،427 އަށް އިތުރުވެފަ އެވެ.
މިދިޔަ އަހަރު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ޔޫރަޕްގެ ގައުމުތަކުންނެވެ. އެ ގައުމުތަކުން މިދިޔަ އަހަރު މާޗް މަހު ރާއްޖެ އަށް 56،995 ޓޫރިސްޓުން އައިސްފައިވާ އިރު މި އަހަރު އެ އަދަދު ވަނީ 58،916 އަށް އިތުރުވެފަ އެވެ.
މިދިޔަ އަހަރު ދެވަނައަށް ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވާ ގައުމުތަކުގެ ތެރޭގައި ޗައިނާ ޖަޕާން އަދި ކޮރެއާ ހިމެނެ އެވެ. އެ ގައުމުތަކުން މިދިޔަ އަހަރު މާޗްމަހު ރާއްޖެއަށް ޖުމްލަ 41،349 ޓޫރިސްޓުން އައިސްފައިވާ އިރު މިއަހަރު މާޗްމަހު އެ އަދަދު ވަނީ 44،155 އަށް އިތުރުވެފަ އެވެ.
ތިންވަނަ އަށް އެންމެގިނަ ޓޫރިސްޓުން އައިސްފައި ވަނީ ވެސްޓާން ޔޫރަޕްގެ ގައުމުތަކުންނެވެ. އެގައުމު ތަކުން މިދިޔަ އަހަރު މާޗްމަހު 24،479 ޓޫރިސްޓުން އައިސްފައިވާ އިރު މިއަހަރު އެ ގައުމުތަކުން 24،639 ޓޫރިސްޓުން ރާއްޖެ އަށް އިސްފައިވެ އެވެ.
އޭގެ އިތުރުން ސައުތު އޭޝިއާގެ ގައުމުތަކުން ވެސް ރާއްޖެ އަށް ވަނީ ގިނަ އަދަދެއްގެ ޓޫރިސްޓުން ޒިޔާރަތްކޮށްފަ އެވެ.