ބައިނަލްއަގްވާމީ ފެތުމުގެ ކުޅިވަރާ ބެހޭ ޖަމިއްޔާއެއް ކަމަށްވާ ފީނާ އިން ރާއްޖޭގެ ދެ ފެތުންތެރިއަކަށް ޓްރެއިނިންގް ސްކޮލާޝިޕެއް ދީފި އެވެ.

ފީނާ އިން ޓްރެއިނިންގް ސްކޮލަޝިޕް ދީފައި ވަނީ ރާއްޖޭގެ ގައުމީ ފެތުމުގެ ސީނިއާ ސްކޮޑުގައި ހިމެނޭ ދެ ފެތުންތެރިން ކަމަށްވާ އައިމިނަތު ޝަޖަން އަށާއި އައިޝަތު ސާޖިނާ އަށެވެ.

ފީނާ ޓްރެއިނިންގް ސްކޮލަޝިޕަކީ އަންނަ އަހަރު ބާއްވާ ރިއޯ 2016 އޮލިމްޕިކް ގޭމްސް އާ ގުޅުވައިން އެ ޖަމިއްޔާ އިން ހުޅުވާލި ފުރުސަތެއްގެ ދަށުން އެ ދެ ފެތުންތެރިންނަށް ލިބުނު ސްކޮލަޝިޕެކެވެ.

ފީނާ ޓްރެއިނިންގް ސްކޮލަޝިޕްގެ ދަށުން ސާޖިނާ އާއި ޝަޖަން ތަމްރީނުކުރަން ހަމަޖެހިފައި ވަނީ ތައިލެންޑުގެ ޕުކެޓްގައި ހުންނަ ހައި ޕަފޯމެންސް ޓްރެއިނިންގް ސެންޓަރުގަ އެވެ. އެ ދެ ފެތުންތެރިންނަކީ އޮލިމްޕިކް ކޮމިޓީގެ ސްކޮލަޝިޕެއްގެ ދަށުން މިހާރު ވެސް ސްރީލަންކާގެ ރެއިންބޯ އެކުއެޓިކްސް ކްލަބްގައި ތަމްރީނުވަމުން އަންނަ ދެ ފެތުންތެރިންނެވެ.