28 Apr 2015, 10:24
މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރާއްޖެ އަށް އެތެރެކޮށްފައިވާ ސައިކަލްތަކަށް ރީފަނޑްގެ ގޮތުގައި ދޭން ޖެހޭ 347000 ރުފިޔާ ދޫކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ކަސްޓަސް އިން ބުނެފިއެވެ.
ރާއްޖެއަށް އެތެރެކުރާ ބާވަތްތަކުގެ ތެރެއިން ސައިކަލާއި ފޭރާމުން ނަގަމުން އަންނަ ޑިއުޓީ ކުޑަކޮށް، މި މަހުން ފެށިގެން ސައިކަލުން ބޮޑުކޮށްފައިވާ ޑިއުޓީ އަނބުރާ ރުޖޫއަ ކުރަން މަޖިލީހުން ފާސްކުރި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިއްޔެ ވަނީ ތަސްދީގު ކުރައްވާފައެވެ.
ސަން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ކަސްޓަމްސްގެ ސީނިއާ ސްޕްރިންޓެންޑެންޓް އަހުމަދު ނިޔާޒު ވިދާޅުވީ، ގާނޫނު ބުނާގޮތުން ރީފަންޑުގެ ގޮތުގައި ފައިސާ ދޫކުރަންޖެހެނީ މިމަހު އެކަކުން ފެށިގެން އިއްޔެގެ ނިޔަލަށް އެތެރެކޮށްފައިވާ ސައިކަލްތަކުގެ ޑިއުޓީއިން ބޮޑުކުރި 50 ޕަސެންޓަށް ކަމަށެވެ.
އެ 27 ދުވަހުގެ ތެރޭގައި ރާއްޖެއަށް އެތެރެކޮށްފައިވަނީ ސައިކަލްގެ 45 ޝިޕްމެންޓެއް ކަމަށާއި އެއީ 49 ސައިކަލް ކަމަށް ނިޔާޒު ވިދާޅުވިއެވެ. އެ ސައިލްތަކަށް ރީފަންޑުގެ ގޮތުގައި ދައްކަންޖެހެނީ 347000 ރުފިޔާ ކަމަށާއި އެފައިސާ ދޫކުރުމުގެ ކަންތައްތައް މިހާރު ކުރިއަށް ދާކަމަށް އޭނާ ވިދާޅުވިއެވެ.
އެސައިކަލްތައް އެތެރެ ކޮށްފައި ހުރި ފަރާތްތަކުން ކަސްޓަމްސް އިން ގުޅަމުންދާ ކަމަށާއި އެކަން 90 ދުވަހުގެ ތެރޭގައި ރިފަންޑު ހަމަޖެހިގެން ދާނެ ކަމަށް ނިޔާޒު ވިދާޅުވިއެވެ.
މި މަހުން ފެށިގެން އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ގެންނަ ބަދަލާ އެކު މި އަހަރު ތެރޭގައި 900 މިލިއަން ރުފިޔާ ދައުލަތަށް އިތުރަށް ލިބޭނެ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.