28 Apr 2015, 10:15
އޭއެފްސީ ކަޕް ގުރޫޕް ސްޓޭޖުގައި މާދަމާ އިންޑޮނޭޝިއާގެ ޕާސިބް ބަންޑުން އާ ދެކޮޅަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް މާލޭގައި ކުޅޭއިރު ސަޕޯޓަރުންގެ އެހީވަރަށް ބޮޑަށް ބޭނުންވާކަމަށް ނިއުގެ ވަގުތީ ކޯޗް ސޮބާހް މުޙައްމަދު ބުނެފިއެވެ.
ސޮބާ ބުނީ އަމިއްލަ ދަނޑުގައި ކުޅުނަސް 12 ވަނަ ކުޅުންތެރިޔާ (ސަޕޯޓަރުން)ގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.
"އަޅުގަނޑު އެދެން 12 ވަނަ ކުޅުންތެރިޔާގެ ސަޕޯޓް މިމެޗްގައި އިތުރަށް ދިނުމަށް. އެހެންނޫނަމަ ހޯމްގައި ކުޅުނަސް އުނދަގޫވާނެ. ކުރިއެކޭ އެއްގޮތަށް މިމެޗްގައިވެސް ނިއުރޭޑިއަންޓްގެ ސަޕޯޓަރުންގެ ސަޕޯޓް ލިބިޖެއްޔާ އަޅުގަނޑު ދަންނަވާނީ އިރާދަކުރެއްވިޔާ މޮޅު ވެވޭނޭ،" ނިއުރޭޑިއަންޓުން ޢާންމުކޮށްފައިވާ ވީޑިއޯގައި ސޮބާ ބުނެފައިވެއެވެ.
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ނިއުރޭޑިއެންޓާއި ވިކްޓްރީ ބައްދަލު ކުރި މެޗުގެ ތެރެއިން: މާދަމާ މާލޭގައި އިންޑޮނޭޝިއާގެ ޕާސިބް ބަނޑުންއާ ދެކޮޅަށް ނިކުންނައިރު ސަޕޯޓަރުންގެ އެހީ ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ނިއުއިން ބުނޭ --- ސަން ފޮޓޯ/ ފަޔާޒް މޫސާ
ސޮބާ އިތުރަށް ބުނީ މިޔަންމާގައި އަޔަވެދީ ޔުނެއިޓެޑާ ދެކޮޅަށް ކުޅުނު މެޗްގައި ޑިސިޕްލިން އާއެކު މުޅި މެޗް ޑޮމިނޭޓްކޮށްގެން ކުޅުނު ނަމަވެސް މައްސަލައަކަށްވީ ހަމައެކަނި ލަނޑު ނުޖެހުންކަމަށެވެ.
އެ މެޗްގައި ނަތީޖާ ނުނެރެވުމުން މުޅިއަކުން ހިތްހަމަނުޖެހޭކަމަށާއި ޕޮއިންޓެއް ހިފައިގެން އާދެވުމަކީވެސް ހިތްހަމަޖެހޭ ކަމެއްކަމަށް ސޮބާ ބުންޏެވެ.
ސޮބާ (ކ) އާއި ނިއުގެ ކެޕްޓަން އަސްހަދު ޢަލީއާ އެކު. މާދަމާ މެޗަށް ނިކުންނައިރު ސަޕޯޓަރުންގެ އެހީ ވަރަށް ބޭނުންވާ ކަމަށް އެޓީމުން ބުނޭ --- ސަންފޮޓޯ/ ޢަލީ ނަޞީރު
ނިއުގެ ކޯޗް އާމިރު އަލަގިޗް މަޤާމުން ވަކިވުމުން އެމެޗްގައި ސޮބާ ނިއުއަށް އިރުޝާދު ދިންއިރު، ސޮބާގެ އިރުޝާދުގެ ދަށުން ނިއުއިންވަނީ މޮޅު ކުޅުމެއްދައްކާފައެވެ.