އައިޖީއެމްއެޗް ކައިރީ ހުއްޓައި، މާލޭ ދަފްތަރު ނޫރު އާދަމް ހަސަންފުޅަށް ހަމަލާދީ މަރާލި މައްސަލައާއި ގުޅިގެން ހަތަރު މީހެއްގެ މައްޗަށް ދައުވާ ކުރަން ޕީޖީއަށް ފޮނުވައިފި އެވެ.

ސަންއަށް އެނގިފައިވާ ގޮތުގައި އެ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކުރަން ޕީޖީއަށް ފޮނުވާފައިވަނީ މިމަހުގެ 23 ވަނަ ދުވަހު އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ހަތަރު މީހަކު އަދިވެސް ފުލުހުންގެ ހައްޔަރުގައި އެބަތިބި ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ހަތަރު މީހަކު ހައްޔަރު ކުރި ނަމަވެސް މީޑިއާއަށް މިހާތަނަށް ހާމަކޮށްފައިވަނީ ތިން މީހެއްގެ މައުލޫމާތެވެ. އެއީ ޏ. ފުވައްމުލައް ދަޑިމަގު، ޝައިނީ މުހައްމަދު ސަމީހު، 19، އާއި އެ ރަށު ހޯދަނޑު، ނޯވެލް މުޙައްމަދު ޝަމްލު، 18،ގެ ކ. މާލެ، ދަފްތަރު، އިސްހާގް ނާދިރު 18، އެވެ.

ނޫރަށް ހަމަލަދީ މަރާލާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ. ނޫރަށް ހަމަލާދީފައިވަނީ އެ ރޭ 11:45 އެހާކަންހާއިރު ޔޫރޯ ސްޓޯރު ކައިރިން މީހަކަށް ހަމަލާދީ ޒަޚަމްކޮށްލުމުން ނޫރު އާއި އިތުރު ބަޔަކު އެ މީހާ ގޮވައިގެން އައިޖީއެމްއެޗަށް ގެންދިޔުމަށްފަހު ހޮސްޕިޓަލްގެ އިމަޖެންސީ ގޭޓު ކުރިމަތީ އޭނާ ހުއްޓަ އެވެ.

ނޫރުގެ އާއިލާއިން ކުރިން ބުނެފައިވަނީ، ނޫރު އާއި އިތުރު ބަޔަކު އިއިޖީއެމްއެޗެގެ ގޭޓްކުރިމަތީގައި ތިއްބައި ސައިކަލެއްގައި ދިޔަ ދެ މީހުންގެ ތެރެއިން ސައިކަލްގެ ފަހަތުގައި އިން މީހާ ނޫރުގެ ކަރަށާއި އަރިކައްޓަށް ވަޅި ހެރީ ކަމަށެވެ. އަދި އެ ވަގުތު އެ ސަރަހައްދުގައި ތިބި އާންމު ރައްޔިތުން ހަޅޭލައްވައި އަޑުގަދަ ކުރަން ފެށުމުން އައިޖީއެމްއެޗުގެ "ޖަގަހަ ތެރޭގައި" ތިބި ސެކިއުރިޓީ ބަލަހައްޓާ މީހުން ނުކުތްއިރު ހަމަލާދިން ވަޅި އެއްލާލުމަށްފަހު އެ ދެމީހުން ފިލާފައިވާ ކަމަށް ވެސް ނޫރުގެ އާއިލާ އިން ވަނީ ބުނެފައެވެ.