28 Apr 2015, 14:02
ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެމްޑީޕީގެ މެމްބަރުކަން ނުގެއްލި، ޕާޓީގެ ރައީސްކަން ގެއްލޭގޮތަށް ޖަލުތަކާއި ޕެރޯލްގެ ގާނޫނު އިސްލާހުކޮށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކޮށްފި އެވެ.
އެ އިސްލާހު އެގޮތަށް ފާސްވީ 40 މެމްބަރުންގެ ވޯޓުން ނެވެ.
ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް މަޖިލީހުން އެންމެ ފުރަތަމަ ގެނައި އިސްލާހުގައި ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ މީހަކަށް ސިޔާސީ ޕާޓީގެ މެމްބަރަކަށް ނުވެވޭގޮތަށް ވަނީ ކަނޑައަޅާފައެވެ. އެހެންނަމަވެސް އެ ބިލް ތަސްދީގު ނުކުރައްވައި ބަންޑާރަ ނައިބުގެ ލަފާފުޅާއެއްގޮތަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވަނީ އަނބުރާ މަޖިލީހަށް ފޮނުވާލައްވާފައެވެ.
އެ ބިލް ގާނޫނަކަށް ވުމުން ރައީސް ނަޝީދު އެމްޑީޕީގެ ރައީސް ކަމުގެ މަގާމުން ވަކިވާއިރު، އެ ބިލަކީ ހަމައެކަނި އެމަގުސަދުގައި ހުށަހެޅި ބިލެއް ނޫން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
އެ ބިލް ހުށަހެޅުއްވި ގެނަމަނަފުށީ ދައިރާގެ މެމްބަރު ޖަމީލް އުސްމާން ވިދާޅުވީ، އެ ބިލަކީ ވަރަށް ގިނަ ކަންތައްތަކެއް އެކުލެވިގެންވާ ބިލެއް ކަމަށާއި އޭގައި ޖަލުގައި ތިބޭ ގައިދީންނާއި ތަހުގީގަށް ހައްޔަރުކުރެވިފައި ތިބޭ މީހުންނަށް އެތަކެއް ހައްގުތަކެއް ލިބިދިނުމަށް ކަންތައްތަކެއް ހިމަނާފައިވާނެ ކަމަށެވެ.
ހުކުމް ތަންފީޒުކުރާ މީހަކަށް ޕެރޯލްގެ ފުރުސަތު ލިބި ޕެރޯލްއާ ގުޅޭ ގޮތުން ޕެރޯލް ބޯޑުން ނިންމާ ނިންމުމަކާ މެދު ހިތްހަމަނުޖެހޭ ނަމަ އެ ނިންމުން ނިންމިތާ 60 ދުވަހުގެ ތެރޭގައި ޝަރީއަތަށް ހުށަހެޅުމުގެ ހައްގު ހުކުމް ތަންފީޒުކުރާ މީހަކަށް ލިބިގެންވާ ކަމަށް ވެސް އެ ބިލްގައި ވެއެވެ.