ކަތުމަންޑޫ (އެޕްރީލް 28): ނޭޕާލަށް އައި ބާރުގަދަ ބިންހެލުންތަކާ ގުޅިގެން މަރުވި މީހުންގެ އަދަދު ހަތަރު ހާހާ ގާތްކުރާއިރު މީހުން ސަލާމަތް ކުރުމާއި އިންސާނީ އެހީ ފޯރުކޮށްދިނުމުގެ އޮޕަރޭޝަންތަކަށް އެންމެ ބޮޑަށް ބޭނުންވަނީ ކާބޯތަކެއްޗާއި ބޭހާއި ރަޖައާއި ވަގުތީ ފޭލިގެތަކާއި ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްޙީ އެހީތެރިންނާ އަދި ޑްރައިވަރުން ކަމަށް އެގައުމުން ބުނެފިއެވެ.

ނޭޕާލުގެ ދާޚިލީ ވުޒާރާގެ ތަރުޖަމާނަކު ވިދާޅުވީ މީހުން ސަލާމަތް ކުރުމާއި އިންސާނީ އެހީ ފޯރުކޮށްދިނުމުގެ އޮޕަރޭޝަންތަކުގައި އެގައުމުގެ ސިފައިންނާއި ފުލުހުންގެ 90 އިންސައްތަ މީހުން ބައިވެރިވާ ކަމަށް ޚަބަރުލިބެއެވެ.

ނޭޕާލުގެ ސިފައިންގެ ލަޝްކަރުތަކުގައި ލައްކައެއްހާމީހުން ހިމެނޭއިރު ފުލުހުންގެ އަދަދުވެސް ތިރީހަކަށް ހާހަށް އަރައެވެ. އަމަނާބެހޭ މިދެ މުއައްސަސާގައި ގިނައަދަދެއްގެ ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްޙީ އެހީތެރިންނާ އަދި ޑްރައިވަރުން ތިބިނަމަވެސް މިފަދަމީހުން އިތުރަށް ބޭނުންވާކަމަށާއި އަދި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތްކުރުމުގެ ތަމްރީނާއި ތަޖްރިބާ ލިބިފައިވާ މީހުން މިވަގުތަށް ވަރަށް ބޮޑަށް ބޭނުންވާކަމަށް ނޭޕާލުގެ މަސްއޫލުވެރިން ވިދާޅުވިއެވެ.

ދުނިޔޭގެ އެކިގައުމުތަކުންނާއި އެހީދޭ ޖަމިއްޔާ ޖަމާއަތްތަކުން ގެންދަނީ އިންސާނީ އެހީގެ ތަކެތި ނޭޕާލަށް ފޮނުވަމުންނެވެ. ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތްކުރުމުގެ ތަމްރީން ލިބިފައިވާ ފަންނީ ޓީމްތައް އިންޑިޔާއާއި ޗައިނާއާއި ޖަޕާނާއި ޕާކިސްތާން ފަދަ ގައުމުތަކުން ނޭޕާލަށްވަނީ ފޮނުވާފައެވެ.

ބިންހެލުންތަކާ ގުޅިގެން ނޭޕާލުގެ ބޮޑުބަޔަކުން ކަރަންޓް ކަނޑައިގެން ގޮސްފައިވާއިރު ކަރަންޓުގެ ދަތިކަމަކީވެސް ވަރަށް ބޮޑުމައްސަލައެއްކަން އެގައުމުންބުނެއެވެ. (ރޮއިޓާސް)