"މިއޮތީ ވާކަމެއް. ދުއްވާ އެއްޗެހީގަ މީހުން އުޅުނަސް މީ ދެން ފުކެއް ބޮޑުވަރު." މިއީ މާލޭގައި ދިރިއުޅޭ އެތައްބަޔެއްގެ ހިތުގައި މިއަދު އުތުރި އަރާ ޝަކުވާ ތަކުގެ ތެރެއިން ޝަކުވާ އެކެވެ. މަގުމަތީގައި ދުއްވާ އުޅަނދުތަކުގެ ސަބަބުން، ވާ އުނދަގުލާއި، ކުރިމަތިވާ ދުށްތުރާތަކުގެ ބޮޑުކަމުންނެވެ. ޚާއްޞަކޮށް އެތަކެތީގެ ބަރުގޮނުގެ "ބިރުވެރި" އަޑުގެ ސަބަބުންނެވެ.

އެނގޭނެ ފަދައިން މިއަދު މާލޭގެ މަގުތަކަކީ ކާރޫ ބާރޫ ބޮޑު މަގުތަކެކެވެ. ދުއްވާތަކެތިން މަގުތައް މިވަނީ ފުރި ބާރުވެފަ އެވެ. ޚާއްޞަކޮށް އިންޖީނުލީ ދުއްވާ ތަކެތިންނެވެ. ލޮރީއާއި ޕިކަޕެވެ. ވޭނާއި ޖިޕެވެ. ކާރާއި ސައިކަލެވެ. އަދިވެސް މިފަދަ އެތައް އެއްޗެކެވެ. މިއިން ކޮންމެ އެއްޗެއްގައި ދަތުރުކުރާ މީހާވެސް ބޭނުންވާނީ ދާން ބޭނުންވާ މަންޒިލަކަށް ވީ އެންމެ އަވަހަކަށް ދާށެވެ. ގަޑި ޖެހިދާނެތީ އެވެ. އެމީހަކު ކުރަން ބޭނުންވާ ކަމެއް ވީ އެންމެ އަވަހަކަށް ނިންމާލަން ހިތް އެދޭތީ އެވެ. ކޮންމެވެސް އެހެންކަމެއް ނުވަތަ އެތައްކަމެއް ކުރިމަތީގައި އޮތީތީ އެވެ.
އެންމެންގެވެސް ބޭނުމާއި މުހުތާދު މި އޮންނަނީ މިފަދަ ހިސާބެއްގަ އެވެ. އަރާ އިންނަ ސަވާރީގެ ފުރޮޅުތަކަށް އޮބި ނޯންނަ ފަށުގަ އެވެ. މިފަދަ ހާލަތެއްގައި ތިއްބާ، ހަމަ ކުއްލިއަކަށް މަގު "ބަންދު"ވަނީ އެވެ. ގިނަ ފަހަރަށް ކޮންމެވެސް އެހެން ދުއްވާ އެއްޗެއް މަޑުކޮށްގެންނެވެ. މީހަކު ފައިބާށެވެ. މުދާ ބާލާށެވެ. އެއްޗެހިތަކެއް އަރުވާށެވެ. ނޫނީ ކޮންމެވެސް ބަޔަކު އަރާށެވެ.

މިގޮތަށް މަޑުކޮށްލާ މަޑުކޮށްލުމުގައި، ދެތިން ސިކުންތެއް ހާއިރު ވިޔަސް، ކަންތަކާ ޖެހުނީ އެވެ. ފަހަތުން އަންނަ އެއްޗެހިތައް ފުނިޖެހި، ވަކި މިންވަރެއް ބެލުމެއްނެތި ބަރުގޮނު އަޅަންފަށަންވީ އެވެ. އެކި އަޑު އަޑުން އެކި ރާގުރާގަށް އަޅަމުން ގެންދާ ބަރުގޮނުތަކުން މުޅި މަގު، އަޑު ބައްދާލާފައި އޮންނައިރު، އެހެންމީހުންގެ ކަންފަތަކަށް ކުޑަވެސް ރަޙުމެއް، ހަމްދަރުދީއެއް ނުހުރެ އެވެ.

ކޮންމެ މީހަކުވެސް ބޭނުންވާނީ ކުރަން އުޅޭ ކަމެއް ވީ އެންމެ އަވަހަކަށް ކޮށް ނިންމާށެވެ. އެއްވެސް މީހަކު މަގުމެދުގައި އުޅަނދު ބާއްވައިގެން، ކުޅިވަރު ކުޅޭކަށް ނުހުންނާނެ އެވެ. މަގުމެދަށް މަޑުކުރަން ޖެހެނީ ވެސް މަޖުބޫރު ވެގެންނެވެ. އެހެންގޮތެއް ނެތީމަ އެވެ. މަޑުކޮށްލާނެ ރަނގަޅު ޖާގައެއް މަގުގެ އެއްފަރާތުން ނުލިބޭތީ އެވެ. ވީއިރު ފަހަތުން އަންނަ މީހުން މިވަރު ވިސްނާލާނަމަ ކިހާ ރަނގަޅުހެއްޔެވެ؟

ކެތްތެރިކަމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނާއަށް ދެއްވި އަގުހުރި ނިޢުމަތެކެވެ. އެ ނިޢުމަތުގެ ބޭނުން ހިފަން އޮންނަ ދަނޑިވަޅު ތަކަކީ މިފަދަ ދަނޑިވަޅު ތަކެވެ. މަޑުކޮށްލަން ޖެހޭ ކޮންމެ ވަގުތަކީ ސައިކަލުގެ ނުވަތަ ކާރުގެ ބަރުގޮނަށް ލިބޭ ފުރުޞަތަކަށް ހަދާނަމަ، މިދެންނެވި ކެތްތެރިކަމުގެ ބޭނުން އެދަނީ ނުހިފި އެވެ. އެ އަގުހުރި ނިޢުމަތުން އަމިއްލައަށް މަހުރޫމުވެ ގަނެވެނީ އެވެ.

ބައެއް ފަހަރު، ބައެއް މީހުން މިފަދަ އަމަލު ހިންގާއިރު ހީވަނީ، އެމީހުންނަށް އެކަމުން ނުސިޔާނު އުފަލެއް ލިބޭހެންނެވެ. ބަރުގޮނަށް ފިތާލައިގެން އިންނައިރު އެއިން ނިކުންނަ އަޑާމެދު ފަޚުރުވެރި ވެފައި އިންނަ ހެންވެސް ހީވެ އެވެ. މިކަން ދޭހަވަނީ އެފަދަ ވަގުތުތަކުގައި އެމީހެއްގެ މޫނުމައްޗަށް އަރާ ފައިބަމުން ދާ ކުލަވަރުންނެވެ. ތުންފަތް މައްޗަށް ވެރިވެފައި ހުންނަ ލާނެތް ހިނިތުން ވުމުންނެވެ.

ބުނަން ހެއްޔެވެ؟ މިއީ އުފާކުރަންވީ ކަމެއް ނޫނެވެ. ފަޚުރުވެރިވާންވީ ކަމެއް ވެސް ނޫނެވެ. އެއަށްވުރެ މާ ދަށް ފެންވަރުގެ ޢަމަލެކެވެ. އާއެކެވެ. ބަރުގޮނަކީ އަޅަން ހުންނަ އެއްޗެކެވެ. އެހެންނަމަވެސް އެކަމުގައި ހައްދެއް އޮންނަންވާނެ އެވެ. ވަގުތާއި ހާލަތުވެސް އޮންނަންވާނެ އެވެ. އެހެންނޫނީ އޭގެ ސަބަބުން އެ ކުޅެލެވެނީ އެތައް ބަޔެއްގެ ދިރިއުޅުމާ އެވެ. ކުޑަކުދިންގެ ނިންޖާ އެވެ. ކިޔަވާ ކުދިންގެ ކިޔެވުމަށް ހުރަސް އެޅެނީ އެވެ. މުސްކުޅިންނާއި ބަލި މީހުންގެ ސިއްޙަތަށް ގެއްލުން ދެވެނީ އެވެ. މިއިން ކޮންމެ ފަރާތެއްގެ ވެސް އާދޭހަކީ، ތިޔަހެން ނަހަދާށެވެ! ވަރަށް އުނދަގޫ ވެއެވެ.