އައްޑޫ ސިޓީ ކައުންސިލްގެ އިންތިހާބަކީ ޣައިރު ގާނޫނީ މުއައްސަސާއަކަށް މެންބަރުން އިންތިހާބު ކުރުމަށް ބޭއްވި އިންތިހާބެއް ކަމަށް ބުނެ އައްޑޫ ސިޓީ ކައުންސިލްގެ އިންތިހާބު ބާތިލު ކޮށް ދިނުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

މި މައްސަލައި ދައުވާ ކުރައްވަނީ ހުސައިން ސޯލިހު ކިޔާ އައްޑު އަތޮޅުގެ ރައްޔިތެކެވެ. އެއީ އައްޑު އަތޮޅުގެ ކޮން ރަށެއްގެ ކާކު ކަމެއް އޭނާގެ ވަކީލު ޝަހީމް އަހުމަދު ވިދާޅެއް ނުވި އެވެ.

އިލެކްޝަންސް ކޮމިޝަނަށް ރައްދުވާ މި މައްސަލައާ ބެހޭ ގޮތުން ވަކީލު މިއަދު ވިދާޅުވީ ސުޕްރީމް ކޯޓަށް ހުށަހެޅި ދައުވާގައި ބުނެފައި ވަނީ ފެބުރުއަރީ 5، 2011 ގައި އިލެކްޝަންސް ކޮމިޝަނުން އައްޑޫ ދާއިރާގައި ބޭއްވި އައްޑޫ ސިޓީ ކައުންސިލް އިންތިހާބަކީ ސުޕްރީމް ކޯޓުން ފެބުރުއަރީ 4، 2011 ގައި އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ކުރެއްވި އަމުރާއި އިލެކްޝަންސް ކޮމިޝަނުގެ ގާނޫނާއި ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނާއި ގާނޫނު އަސާސީއާ ހިލާފަށް ޣައިރު ގާނޫނީ މުއައްސަސާއަކަށް މެންބަރުން އިންތިހާބު ކުރުމަށް ބޭއްވި ޣައިރު ގާނޫނީ އިންތިހާބެއް ކަމަށް އޭނާ އާއި އޭނާގެ މުވައްކިލު ދެކެވަޑައިގަންނަވާތީ މައްސަލަ ހުށަހެޅުއްވެވީ ކަމަށެވެ.

އަދި ވިދާޅުވީ ގާނޫނު އަސާސީގެ 144 ވަނަ މާއްދާގެ ދަށުން ހުށަހެޅި ދުސްތޫރީ މައްސަލައިގައި އިލެކްޝަނުން އައްޑޫ ދާއިރާގައި ފެބްރުއަރީ ފަސް ވަނަ ދުވަހު އައްޑޫ ދާއިރާގައި ބޭއްވި އައްޑޫ ސިޓީ ކައުންސިލް އިންތިހާބަކީ ބާތިލް އިންތިހާބެއް ކަމަށް ކަނޑައަޅުއްވައި ދިނުމަށް އެދިވަޑައިގެންފައި ވާނެ ކަމަށެވެ.

"އަދި މައްސަލަ މި ވެއްދީ، މައްސަލަ ހިނގައި ގަތުމުން އިތުރު ތަފުސީލު ދޭނަން،" ޝަހީމް ވިދާޅުވި އެވެ.

އައްޑޫ ސިޓީ އިންތިހާބު ކާމިޔާބުކޮށްފައި ވަނީ ސަރުކާރު ހިންގާ އެމްޑީޕީންނެވެ.