އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ)ގައި މިހާރު ބޭނުންކުރާ ޕަސިންޖާ ޓަމިނަލް ބޮޑު ކުރުމަށް ނިންމާފައި ވާތީ އެ ސަރަހައްދުގައި ހުރި އިމާރާތްތައް ތަޅާލަން ޖެހޭތީ، އޮފީސްތައް ހިންގުމަށް އާ އިމާރާތްތަކެއް އެޅުމުގެ މަސައްކަތް ފަށައިފި އެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވި ގޮތުގައި، އާ ޓާމިނަލް އެޅުމަށް ނިންމާފައިވާ ސަރަހައްދުގައި ހުރި 13 އިމާރާތެއް ހުޅުލޭގެ އިރުމަތީ ފަރާތަށް ބަދަލު ކުރާނެ އެވެ. އަދި އެ ސަރަހައްދުގައި ހުރި އިތުރު ފަސް އިމާރާތެއް މަރާމާތު ކުރުމަށް ވެސް ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.

އެ މަސައްކަތްތައް ރަސްމީކޮށް މިއަދު ފައްޓަވައިދެއްވީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ އާއި އެމްޓީސީސީގެ ސީއީއޯ އިބްރާހިމް އަބްދުލްރައްޒާގު ހަލީމް ގެ އިތުރުން އެ ދެ ކުންފުނީގެ ބައެއް އިސް ވެރިންނެވެ.

އެއާޕޯޓުގައު ވަގުތީ ޓާމިނަލް ހެދުމުގެ މަސައްކަތް ފަށުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޮ/ އަލީ ނަސީރު

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް ވިދާޅުވީ އެމްޓީސީސީއަށް އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ފަސް މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައި ނިންމާގޮތަށް ކަމަށާއި އެ މުއްދަތުގެ ތެރޭގައި އިމާރާތް ނިންމާ އެމްއޭސީއެލްއަށް ހަވާލުކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އެމްޓީސީސީގެ ސީއީއޯ ހަލީމް ވިދާޅުވީ އެމްޓީސީސީއަކީ މިހާރު ރާއްޖޭގައި އޮތް އެންމެ ވަރުގަދަ އެއް ކޮންސްޓްރަކްޝަން ކުންފުނި ކަމަށެވެ. އެހެންކަމުން ފަސް މަސް ދުވަހުގެ ތެރޭގައި އެމްއޭސީއެލް އިން ހަވާލުކޮށްފައިވާ މަސައްކަތްތައް ފުރިހަމައަށް ނިންމައި އެ ކުންފުންޏާ ހަވާލުކުރައްވާނެ ކަމަށް ހަލީމް ވިދާޅުވި އެވެ.

އެމްޓީސީސީއަށް އެ ޕްރޮޖެކްޓް ހަވާލުކޮށްފައި ވަނީ މިދިޔަ މާޗްމަހު 29 ވަނަ ދުވަހު އެވެ.