24 Feb 2011, 14:12
ފުޅާ ދާއިރާއެއްގައި ދެމެހެއްޓެނިވި ތަރައްޤީ އާއި އިޤްތިޞާދީ ކުރިއެރުން ހޯދޭނީ ހަމައެކަނި ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމެއްގެ ތެރެއިން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ސައުތު އޭޝިޔާ ސެންޓާ ފޮ ޕޮލިސީ ސްޓަޑީޒް (ސަސެޕްސް)އިން އިންތިޒާމް ކޮށްގެން، އިންޑިޔާގެ ނިއުދިއްލީގައި މިއަދު ހެނދުނު ފެށުނު ބައިނަލްއަޤްވާމީ ބައްދަލުވުމެއް ކަމަށްވާ، "ވާރލްޑް ކޮންފަރެންސް އޮން ރިކްރިއޭޓިން ސައުތު އޭޝިޔާ: ޑިމޮކްރަސީ، ސޯޝަލް ޖަސްޓިސް، އެންޑް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް"ގެ އިފްތިތާޙީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި މިނިވަން ޑިމޮކްރަސީއަކާއި އިޤްތިޞާދީ މިނިވަންކަމާއި ހަރުދަނާ އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމަކީ، ކޮންމެ ޤައުމެއްގެ ތަރައްޤީއަށްޓަކައި ކޮންމެހެން ފުރިހަމަ ކުރަން ޖެހޭ ކަންކަން ކަމުގައި ފާހަގަކުރެއްވި އެވެ. އަދި ދިވެހި ސަރުކާރުގެ މިހާރުގެ ވިސްނުންފުޅަކީ މިއީ ކަމަށާއި ރާއްޖޭގެ ތަރައްޤީއަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތަކީ މި ކަންކަން ފުރިހަމަކުރެއްވުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ހަރުދަނާ ޑިމޮކްރަސީއަކީ ހަމައެކަނި ބާރުތައް ވަކިކުރެވި ރައްޔިތުންނަށް ވޯޓު ދިނުމުގެ ޙައްޤުތައް ހޯދައިދިނުން ނޫންކަން ބަޔާންކުރައްވަމުން ހަރުދަނާ އަދި ކާމިޔާބުކަމާ އެކު ޑިމޮކްރަސީ ކުރިއެރުވުމަށްޓަކައި ރައްޔިތުންނަށް އެމީހުންގެ އަސާސީ މިނިވަންކަން ކަށަވަރު ކޮށްދޭންޖެހޭ ކަމުގައި ވިދާޅުވި އެވެ.