28 Apr 2015, 16:03
އެމްޑީއޭ އަކީ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ބޮޑު ކާމިޔާބެއް ހޯދި ސިޔާސީ ޕާޓީ ކަމަށް އެ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމު ވިދާޅުވެއްޖެއެވެ.
ރ. އިނގުރައިދޫ ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ އަދަދެއްގެ ބަޔަކު އެމްޑީއޭ އަށް ސޮއިކުރުމަށް ޓަކައި، ނ. އަތޮޅުގައި އޮންނަ ދަ ސަން ސިޔާމް އިރުފުށި ރިސޯޓުގައި އިއްޔެރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ސިޔާމު ވިދާޅުވީ އެމްޑީއޭ އަށް ވަރަށް ގިނަ ކާމިޔާބީތައް ލިބެމުން އަންނަ ކަމަށެވެ. ރ. އިނގުރައިދޫގެ 200 އަށް ވުރެ ގިނަ މީހުން އެމްޑީއޭ އަށް ސޮއިކޮށްފައިވާ ފޯމު ވަނީ އެމްޑީއޭގެ ލީޑަރާ ހަވާލުކޮށްފައެވެ. އޭގެ ތެރޭގައި އިނގުރައިދޫ ޖޭޕީ ގޮފީގެ ރައީސް އާއި ޖުމުހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ ގިނަ އަދަދެއްގެ މެންބަރުން ހިމެނެއެވެ. މި ފަރާތްތަކުން އެމްޑީއޭ އަށް ކުރެއްވި އިތުބާރަށް ސިޔާމު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

ޖޭޕީގެ ރ.އިނގުރައިދޫ ގޮފީގެ ރައީސްގެ ފޯމު އެމްޑީއޭގެ ލީޑަރާއި ހަވާލުކުރަނީ -- ސަން ފޮޓޯ: މުހައްމަދު ނާސިހު
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސިޔާމް ވިދާޅުވީ 2012 ވަނަ އަހަރު އެމްޑީއޭ އުފެއްދި އިރު ވަރަށް ބޮޑު ގޮންޖެހުންތައް ވެސް މެދުވެރިކަމަށެވެ.

ރ. އިނގުރައިދޫ އިން އެމްޑީއޭ އަށް ސޮއި ކުރި ފަރާތްތަކުގެ ފޯމާއި އެމްޑީއޭގެ ލީޑަރު ހަވާލުވެލައްވަނީ -- ސަން ފޮޓޯ: މުހައްމަދު ނާސިހު
" އޭރު އޮތް ރައްޔިތުންގެ މަޖިލީހުގައި ބައެއް ޕާޓީތަކުގެ ބޭފުޅުން ނިދި ވެސް ނުކުރައްވާ އޭރު އޮތް ގާނޫނު ތިން ހާހުން ދިހަ ހާހަށް ވެސް ބަދަލުކުރި. އެހެންނަމަވެސް އެ ތިން މަސްދުވަހު ތެރޭގައި ޕާޓީ އުވުނަ ނުދިނުމަށްޓަކައި ޕާޓީގެ ކައުންސިލް މެމްބަރުންނާއި ޕާޓީ އަށް ހެޔޮ އެދޭ ރައްޔިތުން ކުރި އިޚްލާސްތެރި މަސައްކަތުން ދެ މަހެއްގެ ތެރޭގައި 13000 މެންބަރުން ހަމަކޮށް އިލެކްޝަނަށް ހުށަހެޅި" ކަމަށް ސިޔާމް ވިދާޅުވިއެވެ.
ޕާޓީ އުފެދުމަށް ފަހު ތިން މަސްދުވަސް ތެރޭ އިންތިޚާބު ތަކުގައި ވާދަކޮށް އޭރުގެ އެއްމެ ބޮޑު ޕާޓީ އެމްޑީޕީ ބަލިކޮށް ކާމިޔާބު ކުރެއްވި ކަމަށް ސިޔާމު ވިދާޅުވިއެވެ.
އަދި އެމްޑީއޭ ވުޖޫދަށް އައީ ހަމައެކަނި ރައްޔިތުންނަށް ހިދުމަތްކުރުމަށް ކަމަށް ސިޔާމު ވިދާޅުވިއެވެ.
އެއިން ދޭހަކޮށްދެނީ މަސައްކަތް ކޮށްފިނަމަ ކާމިޔާބު ވާނެ ކަން ކަމަށް ސިޔާމް ވިދާޅުވިއެވެ. އަދި ޕާޓީގެ މަސައްކަތުގައި ކުރިއަށް ނެރުނީ މަޝްހޫރު ބަޔަކު ނޫންކަމަށާއި އެކަމުގައި މަސައްކަތްކުރެއްވީ އިޚްލާސްތެރި ޒުވާން ބޭފުޅުން ކަމަށް ސިޔާމު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ޕާޓީގެ ކޮންމެ މެމްބަރަކީ އަޅުގަނޑުގެ އާއިލާގެ މެމްބަރެއް. އަދި ދިވެހި ރާއްޖޭގެ ކޮންމެ ރައްޔިތަކީ އަޅުގަނޑުމެންގެ އާއިލާގެ މެމްބަރެއް. މި ވިސްނުން އަޅުގަނޑުމެންގެ ކާމިޔާބަކީ،" ސިޔާމް ވިދާޅުވިއެވެ.
އެމްޑީއޭގެ އެންމެ ބޮޑު މަގުސަދަކީ " ރައްޔިތުންނަށް އުފާވެރިކަމާއި ފާގަތި ކަން ހޯދާ ދިނުމާއި ރައްޔިތުން ބޭނުންވާ މަންޒިލް މަގްސޫދަށް ވާސިލްވުން ކަމަށް" ސިޔާމު ވިދާޅުވިއެވެ.
އެމްޑީއޭއިން އިނގުރައިދޫ އަށް ދިޔަ ޓީމަށް އެ ރަށުން ދިން އެއްބާރުލުމާއި މެހެމާންދާރީ އަށް ވެސް ސިޔާމު ޝުކުރު އަދާކުރެއްވިއެވެ.

އެމްޑީއޭގެ ލީޑަރު އެ ޕާޓީއަށް ތާއިދުކުރަައްވާ ބައެއް ފަރާތްތަކާއި ބައްދަލުކުރައްވަނީ -- ސަން ފޮޓޯ: މުހައްމަދު ނާސިހު