27 Apr 2015, 16:41
އައްޑޫ ސިޓީގެ އެއާޕޯޓާއި ހޮސްޕިޓަލް ހިންގާ ގޮތް ރައްޔިތުންނަށް ހާމަ ކޮށްދިނުމަށް އެދި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދުއާއި ހެލްތު މިނިސްޓަރު އަހުމަދު ޒުހޫރު ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް ހާޒިރު ކުރުމަށް އިދިކޮޅު އެމްޑީޕީން ހުށަހަޅައިފި އެވެ.
އެމްޑީޕީއަށް ނިސްބަތްވާ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްއާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފުގެ އިތުރުން މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ސޮއިކޮށް ހުށަހެޅުއްވި އެ މައްސަލައިގައި ބުނެފައި ވަނީ އައްޑޫގައި އެޅުމަށް ހަމަޖެހިފައިވާ 100 އެނދުގެ މަސައްކަތަކީ މިއަހަރުގެ ބަޖެޓުގައި ހިމެނިފައިވާ ކަމެއް ކަމަށާއި އެހެންނަމަވެސް އެ މަސައްކަތްތައް ހުއްޓާލެވިފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ހަމައެއާކު އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ބޭނުންވާ ފައިސާ ހޯދައި ދިނުމަށް ފިނޭންސް މިނިސްޓަރު ޖިހާދު ދެކޮޅު ހައްދަވަމުންދާ ކަމަށް ވެސް މީޑިއާއެއްގައި ރިޕޯޓުކޮށްފައިވާ ކަމަށް ކޮމިޓީއަށް ހުށަހެޅި މައްސަލާގައި ބަޔާންކޮށްފައިވެ އެވެ.
"މިކަމާ ގުޅިގެން އައްޑޫ ސިޓީގެ ރައްޔިތުން ވަނީ އައްޑޫގެ މެމްބަރުން ކުރެން މިކަން ހިނގާފައިވާ ގޮތާ ހޮސްޕިޓަލްގެ މަޝްރޫއު ހުއްޓާލީތޯ ނުވަތަ ނޫންތޯއާ މި މަޝްރޫއުގެ މަސައްކަތް ގޮސްފައިވާ ހިސާބެއް މަޖިލިސް މެދުވެރިކޮށް އޮޅުން ފިލުވާ ދިނުމަށް އެދިފައިވެ އެވެ." އެމްޑީޕީ މެމްބަރުން ހުށަހެޅުއްވި މައްސަލައިގައިވެ އެވެ.
އައްޑޫ ހޮސްޕިޓަލްގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށް ބުނެފައިވީ ނަމަވެސް ހެލްތު މިނިސްޓްރީން ބުނީ އެ ހޮސްޕިޓަލުގެ މަސައްކަތް ހުއްޓާލާފައި ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ އައްޑޫ، އާ ހޮސްޕިޓަލާ ގުޅޭ ގޮތުން މިނިސްޓްރީން ކުރަމުން އަންނަ އެއްވެސް މަސައްކަތެއް ނުހުއްޓި ކުރިއަށް ދާ ކަމަށެވެ.
އައްޑޫ އެއާޕޯޓާ ގުޅޭ ގޮތުން ދާދިފަހުން ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ހަގީގީ އިންޓަނޭޝަނަލް އެއާޕޯޓަކަށް ހައްދަވާނެ ކަމަށެވެ.
"ފާޑުކިއުންތެރިން ކިތަންމެ ފާޑުކިޔަސް އަޅުގަނޑުމެން މި ތިބީ ހަމަ މި އަހަރު ތެރޭ މާތް ރަސްކަލާގެ އިރާދަފުޅުން އައްޑޫ އެއާޕޯޓް ހަގީގީ އިންޓަނޭޝަނަލް އެއާޕޯޓަކަށް ހަދަން،" ޓޫރިޒަމް މިނިސްޓަރު ވިދާޅުވި އެވެ.
އަދީބު ވިދާޅުވީ އެއާޕޯޓުގައި ތާރު އެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާ އިރު، ސީދާ ދަތުރުތައް ފެށުމަށް ބައެއް އެއާލައިންތަކާ އެކު މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. އޭގެ ތެރޭގައި ސްރީލަންކަން އެއާލައިންސް ހިމެނޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.