ގައުމީ ޔުނިވަސިޓީގެ ދަރިވަރުންގެ މެދުގައި ތަފާތުކުރުން ހުއްޓާލައި، ދަރިވަރުން ދަރަނިވެރި ކުރުވަން "ލޯން ސްކީމް" ދޫކުރުމުގެ ބަދަލުގައި "ޕޮކެޓްމަނީ" ލިބޭނެގޮތް ހަދައިދިނުމަށް އެދި ޔުނިވަސީޓީގެ ހާހެއްހާ ދަރިވަރުން ސޮއިކޮށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް ޕެޓިޝަނެއް އިއްޔެ ހުށަހަޅައިފި އެވެ.

ޕޮކެޓް މަނީ ދިނުން ހުއްޓާލުމާ ގުޅިގެން މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 27 ގައި ރައީސަށް ފޮނުވި ޕެޓިޝަނަށް އެކަށީގެންވާ ޖަބާބެއް ނުދިނުމާ ގުޅިގެން އަނެއްކާ ވެސް ޔުނިވަސިޓީގެ 904 ދަރިވަރަކު ސޮއިކޮށް ރައީސް ނަޝީދަށް ފޮނުވި ޕެޓިޝަނުގައި ބުނެފައި ވަނީ މަތީ ތައުލީމް ހާސިލް ކުރަމުންދިޔަ ދަރިވަރުންނަށް ދެމުންގެންދިޔަ ޕޮކެޓް މަނީ ދިނުން ހުއްޓާލައި "ސްޓޫޑެންޓް ލޯން ސްކީމް"ގެ ނަމުގައި އިންޓްރެސްޓާ އެކު އަނބުރާ ފައިސާ ދައްކަން ޖެހުމުން ދަރިވަރުންގެ ބޮލުގައި ބޮޑު ދަރަންޏެއް އެޅިފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ޔުނިވަސިޓީގެ ތައުލީމީ ފުރަތަމަ މަރުހަލާ ނިމޭ ހިސާބުން އެ ފައިސާ ސަރުކާރަށް ދެއްކުމަށްޓައި ކިޔެވުމާ އަލްވަދާއު ކިޔަން މަޖުބޫރުވެފައިވާ ކަމަށް އެ ދަރިވަރުން ބުނެފައިވެ އެވެ.

" ޕޮކެޓްމަނީ ހުއްޓާލައި ލޯނު ދޫކުރަން ފެށުމުގެ ސަބަބުން، ޔުނިވަސިޓީ ތައުލީމުގެ ފުރަތަމަ މަރުހަލާ ނިމޭ ހިސާބުން، ލޯނުގެ ގޮތުގައި ސަރުކާރުން ދެއްވާފައިވާ ފައިސާ ދައްކައި ހަލާސް ކުރުމަށްޓަކައި، ކިޔެވުމާ އަލްވަދާއު ކިޔަން ވަނީ މަޖުބޫރުވެފަ އެވެ."

މިދިޔަ އަހަރުގައި ވެސް އެ ދަރިވަރުން ރައީސް ނަޝީދަށް ފޮނުވި ޕެޓިޝަނުގެ ޖަވާބުގައި ބުނެފައިވާ ކަމަށް އެ ދަރިވަމުން ބުނަނީ "މަތީތައުލީމަށް ކިޔަވާ ދަރިވަރުންނަށް ޕޮކެޓް މަނީގެ ގޮތުގައި ފައިސާ ދިގޭން ކިޔެވުމަކީ، މި ސަރުކާރުގެ ސިޔާސަތެއް ނޫން" ކަމަށެވެ.

ދަރިވަރުން މިއަދު ހުށަހެޅި ޕެޓިޝަނާ ގުޅިގެން ޔުނިވަސިޓީގެ ޗާންސެލާ ޑރ. މުސްތަފާ ލުތުފީ ވިދާޅުވީ ދަރިވަރުންގެ މަސްލަހަތައްޓަކައި އަބަދުވެސް އެމަނިކުފާނު މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ދަރިވަރުންނަށް ޕޮކެޓް މަނީ ދިނުމާ މެދު ގޮތެއް ނިންމާނީ ޔުނިވަސިޓީގެ ކައުންސިލުން ކަމަށް ޑރ. މުސްތަފާ ލުތުފީ ވިދާޅުވި އެވެ.

"އަޅުގަނޑު އަބަދުވެސް ދަރިވަރުންގެ މައްސަލަތައް ބަލާނަން. އެ އުސޫލުން އެ ކުދިން އެދެމުންދާ ގޮތަށް ކަންކަން ނިންމުމުގައި މިއަދު އޮތީ ކޮލެޖްގެ ކައުންސިލް. ކައުންސިލުން އެކަމަށް ގޮތެއް ނިންމާނީ،" މުސްތޮފާ ވިދާޅުވި އެވެ.

ޔުނިވަސީޓީ ނުވަތަ ކުރީގެ މޯލްޑިވްސް ކޮލެޖްގައި އޮފް ހަޔާ އެޑިއުކޭޝަންގައި ކިޔަވަމުން ދިޔަ ދަރިވަރުންނަށް ޕޮކެޓްމަނީ މިހާރު ދެމުންގެންދިޔަ ނަމަވެސް އަލަށް ވަންނަ ކުދިންނަށް ޕޮކެޓްމަނީ ދިނުން ހުއްޓާލައިފައި ވަނީ މިޔަ އަހަރުގެ ކުރީ ކޮޅު އެވެ. އަލަށް ޔުނިވަސިޓީއަށް ވަންނަ ކުދިންނަށް ޕޮކެޓްމަނީ ނުދޭ ގޮތަށް ނިންމާފައިވަނިކޮށް މިހާރު ވެސް ބައެއް ދަރިވަރުންނަށް ޕޮކެޓްމަނީ ދެމުންދާ ކަމަށް އިއްޔެ ހުށަހެޅި ޕެޓިޝަންގައި ބުނެފައިވެ އެވެ.
ނަމަވެސް ޔުނިވާސިޓީން އެކަމާ ބެހޭ ގޮތުން އަދި މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެ އެވެ.