12 Apr 2010, 10:42
14:30
ރާއްޖޭގައި 20 މިސްކިތް ބިނާކުރުމަށް ސައުދީ އަރަބިއްޔާ އިން 88 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ވިދާޅުވެއްޖެ އެވެ.
އިސްލާމިކް އެފެއާޒްގެ މިނިސްޓަރ ޑރ. އަބުލްމަޖީދު އަބްދުލްބާރީ ވިދާޅުވީ ސައުދީ އަރަބިއްޔާއަށް އެ މަނިކުފާނު ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ވުޒާރާތަކާ ބައްދަލުކުރައްވައި ވާހަކަ ދެއްކެވުމުން، ރާއްޖޭގެ ވިހި މިސްކިތެއް ބިނާކުރުމަށް އެ ފަރާތްތަކުން އެހީވެދީފައިވާ ކަމަށެވެ. އަދި ސައުދީ އަރަބިއްޔާގެ ހައްޖު މިނިސްޓްރީއާ ބައްދަލުކޮށް، ރާއްޖެއިން ހައްޖަށްދާ މީހުންގެ ނިސްބަތް އިތުރުކުރަން އެ މިނިސްޓްރީއާ އެކު ވާހަކަ ދައްކާފައިވާނެ ކަމަށާއި އެ ގޮތުން މިހާރު 500 މީހުންގެ ޖާގައެއް ލިބިފައިވާ ކަމަށް ޑރ. މަޖީދު ވިދާޅުވި އެވެ.
ޑރ. މަޖީދު ވިދާޅުވީ ސައުދީ ޕްރިންސް ސަލްމާން މި މަހުގެ 15 ގައި ރާއްޖެއަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި ޕްރިންސް ސަލްމާނަށް އިސްލާމިކް މިނިސްޓްރީ ތަފާތު ހުށަހެޅުންތައް ހުށަހަޅާނެ ކަމަށް ޑރ. މަޖީދު ވިދާޅުވި އެވެ. އެހެންކަމުން އެ މަނިކުފާނުގެ އެހީގެ ދަށުން ރާއްޖޭގެ އިސްލާމީ ކަންތައްތައް ކުރިއެރުވުމަށް މަގުފައިވެގެންދާނެ ކަމަށް ވެސް ޑރ. މަޖީދު ވިދާޅުވި އެވެ.
އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝެއިހް މުހައްމަދު ޝަހީމް އަލީ ސައިދު ވިދާޅުވީ ރާއްޖޭގެ ފަގީރުންގެ ލިސްޓް އާވެގެން ދިޔުމާއެކު، ވޭތުވެދިޔަ އަހަރުގެ ޒަކާތު ފައިސާގެ 27 މިލިއަން ރުފިޔާގެ ތެރެއިން އެމީހުންނަށް ހައްގުވާ ފައިސާ މިއަހަރު އޭގެ ހައްގުވެރިނަށް ދެވޭނެ ކަމަށެވެ. އަދި ޒަކާތުގެ ފައިސާ ދިނުން ލަސްވެގެން ދިޔައީ ފަގީރުންގެ ލިސްޓް އާކުރަންޖެހިފައިވާތީ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ. އަދި ޒަކާތު ފައިސާ ބަލަހައްޓާނެ ވަކި ޓްރަސްޓް ފަންޑެއް ފިނޭންސް މިނިސްޓްރީއާ ގުޅިގެން ހުޅުވާފައިވާ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.