ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަނިޔާއެއް ލިބޭ ނަމަ އެކަމާ ދެކޮޅަށް އަބަދު ވެސް މަސައްކަތް ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަހުސް މަރުހަލާގައި ވާހަކަފުޅު ދައްކަވަމުން މޫސަ ވިދާޅުވީ ރައީސް ނަޝީދު އަނިޔާ އިން ސަލާމަތް ކުރުމުގެ ފުރުސަތު އޮތް މިންވަރަކުން އެކަން ކުރުމަށް އަބަދު ވެސް މަސައްކަތް ކުރައްވާނެ ކަމަށާއި ވެރިކަން ވެއްޓުމާއި އަނިޔާވެރިވުމަށް އެމަނިކުފާނު ދަންނަ "ރައީސް ނަޝީދެއް ނުގޮވާނެ" ކަމަށެވެ.

މޫސަ ވިދާޅުވީ އެމްޑީޕީގެ ތެރެއަށް ބޭރުން ބަޔަކުވަދެ ޕާޓީ ބައިބައިކޮށްލަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ޕާޓީގެ ހުރިހާ ބާރެއް އަދާލަތު ޕާޓީ ފަދަ ޕާޓީތަކަށް ދީގެން ޕާޓީ ހަލާކުކޮށްލުމަށް ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމް އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މޫސަ ވިދާޅުވި އެވެ.

"މިއަދު އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ އަޅުގަނޑުމެން ކުރި މަސައްކަތް ދޫކޮށްލައި އެމްޑީޕީ އަކީ އަނިޔާވެރި ކަންކަމަށް ގޮވާލާ ޕާޓީއަކަށް ހެދުމަށް ޓަކައި އިމްރާން އޭތި ލީޑުކޮށްގެން އެކަން ކުރާތަން" މޫސާ މަނިކު ވިދާޅުވި އެވެ.

އެމްޑީޕީ އަށް ހެޔޮގޮތް ހޯދުމަށް މިހާރު ވެސް އަދި ކުރިއަށް އޮތްތަނުގައި ވެސް މަސައްކަތް ކުރައްވާނެ ކަމަށް މޫސަ މިއަދު ވަނީ ވިދާޅުވެފަ އެވެ. އެހެންނަމަވެސް "ގަދަބާރުން ވެރިކަމެއް ވައްޓާލުމަށް ބާޣީންނާ ގުޅިގެން ކުރާނެ މަސައްކަތެއް ނެތް" ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަށް ފާޑުވިދާޅުވެ މީގެ ކުރިން ވެސް އިމްރާން ހައްޔަރުކުރުމަށް ގޮވާލައި ދެއްކެވި ވާހަކަ މިއަދު ވެސް މޫސަ ވަނީ ތަކުރާރު ކުރައްވައިފަ އެވެ.