24 Feb 2011, 13:15
މިދިޔަ ހޯމަ ދުވަހު، ހދ. ކުމުންދޫ ރައްޔިތުންގެ ބަޔަކު ނިކުމެ އެ ރަށު ކޯޓުގެ މަސައްކަތަށް ހުރަސްއަޅައި ކޯޓު ބަންދުކުރި މައްސަލަ ބަލައިދިނުމަށް އެދި ޖުޑިޝަލް ސާވިސް ކޮމިޝަނު[ޖޭއެސްސީ] އިން ފުލުހުންނަށް ހުށަހަޅައިފި އެވެ.
ހޯމަ ދުވަހު ކުމުންދޫ ރައްޔިތުންގެ ބަޔަކު ނިކުމެ އެ ރަށުސްކޫލާއި މެޖިސްޓްރޭޓް ކޯޓާ އެކު ރަށު އޮފީސް ހިސޯރުކޮށް ބަންދުކުރީ، ކުމުންދޫ ސްކޫލް ހުޅުވިގެން ދެ މަސް ދުވަސްވީއިރު ވެސް އެ ސްކޫލަށް ހަމަޖައްސާފައި ހުރި ޕްރިންސިޕަލް ސްކޫލަށް ނިކުންނަވާފައިނުވާތީ ކަމަށްބުނެ އެވެ. ދެ ދުވަހުގެ މުއްދަތަކަށް އެތަންތަން ބަންދުކުރުމަށް ފަހު، ސްކޫލަށް ޕްރިންސިޕަލެއް ހަމަޖައްސައިދޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން އެފަރާތްތަކަށް އެންގުމުން، އިއްޔެ އެމީހުން ވަނީ ސަކޫލާއި އޮފީސް ހުޅުފައިދީފަ އެވެ.
ކުމުންދޫ އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ، ކުމުންދޫ ސްކޫލް ހުޅުވުމާ އެކު ސްކޫލްގައި މިއަދު ކިޔަވައިދޭން ފައްޓާފައިވާ ކަމަށެވެ. އަދި އެ ސްކޫލްގެ ޕްރިންސިޕަލެއްގެ ގޮތުގައި އެޑިއުކޭޝަން މިނިސްޓްރީން ހަމަޖެއްސެވި، އުސްމާން ހަސަން ސްކޫލަށް ނިކުންނަވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.