27 Apr 2015, 13:07
ފަސް ރަށެއްގެ ކައުންސިލް މެންބަރުން ސަރުކާރު ހިންގާ ޕީޕީއެމް އަށް ސޮއިކޮށް އެ ފޯމް މިއަދު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އާ ހަވާލުކޮށްފި އެވެ.
ޕީޕީއެމް އަށް އަލަށް ގުޅުނު ފަސް ކައުންސިލް މެންބަރުން އެ ޕާޓީއާ ގުޅުނު ކަމުގެ ލިޔުން ރައީސް ޔާމީނާ ހަވާލުކުރެއްވީ އެކަމަށް ހާއްސަކޮށް މިއަދު ހެނދުނު މުލީއާގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
ޕީޕިއެމް އަށް މިއަދު ގުޅުނު މެންބަރުންގެ ތެރޭގައި އަދާލަތު ޕާޓީގެ މެންބަރަކާއި އެމްޑީޕީގެ މެންބަރެއްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ދެ މެންބަރަކާއި އަމިއްލަ އެއް މެންބަރެއް ހިމެނެ އެވެ. އޭގެ އިތުރުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ މެންބަރެއް ކަމުގައިވާ އަބްދުލްޖަލީލް އުސްމާން ވެސް މިއަދު ވަނީ ޕީޕީއެމް އަށް ސޮއިކުރައްވައިފަ އެވެ.
އަލަށް ސޮއިކުރެއްވި ކައުންސިލް މެންބަރުންނަކީ ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަހުމަދު އަލީ އާއި އެ ރަށު ކައުންސިލްގެ ނައިބު ރައީސް އަބްދުލްމަޖީދު އަލީ އާއި އދ. މަންދޫ ކައުންސިލް މެންބަރު އައްބާސް ސައުދުގެ އިތުރުން ގދ. ގައްދޫ ކައުންސިލް މެންބަރު އަހުމަދު ރިޝާން އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ ކައުންސިލް މެންބަރުން ސަރުކާރާ ގުޅިގެން ކުރިއަށްދާން ފެށުމުން އެ ފަރާތްތައް މިހާރު މަސައްކަތް ކުރަމުން ދަނީ ރައްޔިތުންގެ ހައްގުގައި ކަމަށް ބުނެ ރަނގަޅުމަގުން ނޫން ކަމަށް ދޭހަވާ ކަމަށެވެ.
އިދިކޮޅު ފަރާތްތައް ދޫކޮށް ސަރުކާރަށް އެއްބާރުލުން ދީގެން ކުރިއަށް ދިއުމަށް ކައުންސިލްގެ މެންބަރުން އަދި އިދިކޮޅު ބައެއް ދިވެހި ރައްޔިތުން ވެސް މަސައްކަތް ކުރައްވާތީ އެކަމަށް ރައީސް ޔާމީން ޝުކުރުއަދާކުރެއްވި އެވެ.