27 Apr 2015, 12:40
މި ސަރުކާރުން ނުވަތަ ރައީސް ޔާމީން އެންމެ އުފާވެވަޑައިގަންނަވާނީ ޑރ. އަފްރާޝީމްގެ މަރުގެ ގާތިލު ހޯދައި އެ މީހަކަށް މަރުގެ ހުކުމް ތަންފީޒު ކުރެވުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ފަސް ރަށެއްގެ ކައުންސިލް މެންބަރުން ޕީޕީއެމްއަށް ސޮއިކުރުމަށް މިއަދު މުލީއާގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުން މަރުގެ ހުކުމް ތަމްފީޒު ކުރާނެ ކަމަށާއި "އެންމެ އުފާވާނީ އަފްރާޝީމްގެ ގާތިލު ހޯދައި މަރުގެ ހުކުމް ތަންފީޒު ކުރެވުމުން" ކަމަށެވެ.
"މަރުގެ ހުކުމަކީ އަޅުގަނޑުމެން ތަންފީޒު ކުރާނެ ހުކުމެއް. އެންމެ ފުރަތަމަ އަޅުގަނޑު އުފާވާނީ އަފްރާޝިމްގެ ގާތިލު އަޅުގަނޑުމެންނަށް އެނގިގެން އޭނަގެ މައްޗަށް މަރުގެ ހުކުމް ތަންފިޒުކުރަން ޖެހޭ ޖެހުމަކީ މި ސަރުކާރުން ކުރާނެ ކަމެއް،" ރައީސް ވިދާޅުވި އެވެ.
ކޯޓުން ހުކުމެއް ކުރައްވައިފި ނަމަ މި ސަރުކާރުން އެ ހުކުމެއް އެއްވެސް އިސްތިސްނާއެއް ނެތި ތަންފީޒު ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
" ﷲ ގެ ހެޔޮ ރަހްމަތާ އެކު އިރާދަކުރެއްވިއްޔާ މި އަހަރު ނިމެންވާއިރަށް އަޅުގަނޑަށް މިހާރު މައުލޫމާތު ލިބޭގޮތުން ނަމަ ކޯޓުތަކުން ކުރަމުން އަންނަ މަސައްކަތް ނިމި ހައިކޯޓުން މައްސަލަ ނިމި ސުޕްރީމް ކޯޓުން މައްސަލަ ނިމި ގާތިލުންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރެވޭ ހިސާބަށް މިއަހަރު ނިމެންވާއިރަށް ދާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އެކަންކަން ކުރަން ޖެހެނީ މުޅި މުޖުތަމައުގެ ސަލާމަތައްޓަކައި ކަމަށާއި އިދިކޮޅު ފަރާތްތަކުން މިހާރު ކުރަމުން ދަނީ މި ގައުމުގައި ފިތުނަ ފަސާދަ އުފެއްދުމުގެ މަސައްކަތް ކަމަށެވެ. އަދި ދީން އައްޑަނައަކަށް ބޭނުންކޮށްގެން ކުރާ ކަންކަމަށް މި ސަރުކާރުން އިޖާބަ ނުދޭނެކަމަށް ވެސް ރައީސް ވިދާޅުވި އެވެ.