ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ދިއްގަރު ދާއިރާގެ ގޮނޑިއަށް ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބު ވެވަޑައިގެންނެވި މޫސާ ނަސީރު، އެނާ ހުންނެވި ދިއްގަރު އަތޮޅު ކައުންސިލްގެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ދިއްގަރު ދާއިރާގެ އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި މޫސާ އޭނާގެ ފޭސްބުކްގައި ލިޔެފައި ވަނީ އޭނާ އެ އަތޮޅު ކައުންސިލަރު ކަމުން އިސްތިއުފާދެއްވާފައިވާ ކަމަށެވެ. ނަމަވެސް އޭނާ ފޯނު ނުނަންގަވާތީ އިތުރު ތަފްސީލް ވަނީ ލިބޭގޮތްނުވެފަ އެވެ.

އެއަތޮޅު ކައުންސިލްގެ ބައެއް ކައުންސިލަރުން ސަން އަށް ވިދާޅުވީ މޫސަ އިސްތިއުފާ ދެއްވާފައިވާ ކަމަށް ބައެއް ކައުންސިލަރުންނަށް ވެސް އަންގާފައިވާ ކަމަށެވެ. ނަމަވެސް ރަސްމީކޮށް އަދި އަތޮޅު ކައުންސިލްއަށް އެކަން ނާންގާ ކަމަށް އެއަތޮޅު މުލަކު ދާއިރާގެ ކައުންސިލްގެ ނައިބް ރައީސް އަހުމަދު ހަސަން ވިދާޅުވި އެވެ.

މޫސާ ނަސީރު އިއްޔެ "ސަން" އަށް ވިދާޅުވީ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި އަމިއްލަ ގޮތުން ވާދަ ނުކުރަން ނިންމާފައިވާ ކަމަށާއި ޕާޓީގެ ޕްރައިމަރީގައި ދާއިރާގެ އާންމު މެމްބަރުން ދެއްކި ނަތީޖާއަށް އިހްތިރާމް ކުރާ ކަމަށެވެ.

"އަޅުގަނޑުގެ ވިސްނުމެއް ނެތް، ކެންޑިޑޭޓަކަށް ތާއިދު ކުރުމަކަށް. އަޅުގަނޑު ބޭނުންވަނީ ސައިލެންޓްކޮށް ހުންނަން. ދާއިރާގެ އާންމު މެމްބަރުން ނެރުއްވި ނަތީޖާއަށް އަޅުގަނޑު އިހްތިރާމް ކުރަން،" މޫސާ ނަސީރު އިއްޔެ ވިދާޅުވި އެވެ.

މިދިޔަ ހުކުރު ދުވަހު ބޭއްވި ދިއްގަރު ދާއިރާގެ ޕީޕީއެމް ޕައިމަރީގައި މޫސާ ނަސީރާ ވާދަ ކުރައްވައި ފާރިސް މައުމޫން ކާމިޔާބު ހޯއްދެވީ 147 ވޯޓުގެ ތަފާތުންނެވެ. ފާރިސް އަށް ލިބިވަޑައިގެންނެވީ 289 ވޯޓެވެ. އަދި މޫސާ ނަސީރަށް ލިބިވަޑައިގެންނެވީ 142 ވޯޓެވެ.