27 Apr 2015, 12:53
ސިއްހީ ހިދުމަތްތެރިންގެ ބިލު ނުވަތަ ހެލްތު ޕްރޮފެޝަނަލް ބިލުގެ މަސައްކަތް ނިންމައި ރައްޔިތުންގެ މަޖިލީހުން އެ ބިލު ދިރާސާ ކުރެއްވި އިޖުތިމާއީ ކޮމިޓީން ބިލު ފާސްކޮށްފި އެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ ބައްދަލުވުމުގައި އެގޮތަށް ފާސްކުރެއްވީ ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވި މެމްބަރުންގެ އަޣުލައްބިއްޔަތުން ނެވެ.
މިދިޔަ ހަފްތާގެ ބުދަ ދުވަހު އޮތް ކޮމިޓީގެ ބައްދަލުވުމުގައި މެމްބަރުން ވަނީ އެ ބިލުގައި ގާނޫނީ ފުށު އެރުންތަކެއް ހުރުމުން ބިލާ ގުޅޭ ގޮތުން އެޓާނީ ޖެނެރަލް އޮފީހުގެ މަޝްވަރާއަށް އެދެންޖެހޭ ކަމަށް ވިދާޅުވެފައެވެ. އެ ބައްދަލުވުމުގައި މެމްބަރުން ވަނީ ބިލުގައި ހިމެނޭ ނުކުތާއަކާ ގުޅޭ ގޮތުން ގާތްގަނޑަކަށް ގަޑިއެއްހާއިރު ބަހުސް ކުރައްވައި އެ ނުކުތާއާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައެވެ.
ބިލުގައި އެންމެ ބޮޑަށް މަޝްވަރާ ކުރަން ޖެހުނު މާއްދާ އަކީ 89 ވަނަ މާއްދާގެ (ނ) އެވެ. އެ މާއްދާ އަކީ ކައުންސިލަށް ބަޖެޓު ކަނޑައަޅާނެ ގޮތް ބަޔާންކޮށްފައިވާ މާއްދާ އެވެ.
އެ މާއްދާގައި ބުނެފައި ވަނީ ކައުންސިލުގެ ބަޖެޓަށް ދައުލަތުގެ މާލިއްޔާއިން ބޭނުންވާ ފައިސާ ކޮންމެ އަހަރެއްގެ ވެސް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޖެޓެއްގެ ދަށުން ދައުލަތުގެ މާލިއްޔާއިން ކައުންސިލަށް ދޫކުރަންވާނެ ކަމަށެވެ. އަދި ބުނެފައި ވަނީ ކައުންސިލްގެ ބަޖެޓުގައި ހިމެނުމަށް ދައުލަތުގެ މާލިއްޔާއިން ބޭނުންވާ ފައިސާގެ އަދަދު ކައުންސިލުން ފާސްކޮށް ދައުލަތުގެ ބަޖެޓުގައި ހިމެނުމަށްޓަކައި މާލިއްޔަތު ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ފިނޭންސް މިނިސްޓްރީއަށް ފޮނުވަން ވާނެ ކަމަށެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލު ހުށަހެޅުއްވި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ، ބިލު ހުށަހެޅުއްވީ ރާއްޖޭގެ ސިއްހީ ހިދުމަތަކީ އާންމުން އިހުތިރާމު ކުރާ އަދި އާންމުން އިތުބާރުކުރާ ހިދުމަތަކަށް ހެދުމަށްޓަކައި ކަމަށެވެ.
މި ބިލުގެ ފަސް ވަނަ ބާބުގައި ބުނެފައި ވަނީ ގާނޫނު ތަސްދީގުކޮށް އަމަލު ކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި "މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް" ގެ ނަމުގައި ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލަން ވާނެ ކަމަށެވެ.
ބިލުގައި އިތުރަށް ބުނެފައި ވަނީ މިހާރު ހިންގަމުން އަންނަ މެޑިކަލް ކައުންސިލުގައި ބޭނުން ކުރަމުން ގެންދިޔަ އެންމެހާ މުދަލާ ވަސީލަތްތަކާއި ސަރުކާރުގެ ބަޖެޓުން އެކަންކަން އެކަށައަޅައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށް އެކައުންސިލްގެ ޒިންމާތަކާ ވާޖިބުތައް ލިބުމާއެކު ކައުންސިލް އުފެދުނީ ކަމަށެވެ.