މަޝްހޫރު ދީނީއިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގައި އެއްވެސް ގޮތަކަށް ބައިވެރިވެފައިނުވާނެ ކަމަށް ބުނެ ހ. ލޮބީ ހުސައިން ހުމާމް އަހްމަދު މާތްﷲ ގަންދީ ހުވާކޮށްފި އެވެ.

ހައިކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި މާތްﷲ ގަންދީ ހުވާކުރަމުން ހުމާމް ބުނީ އަފްރާޝީމް އަވަހާރަކޮށް ލުމުގައި އޭނާ ބައިވެރިވެފައިނުވާނެ ކަމަށެވެ. އަދި އެކަމުގައި އޭނާގެ މައްޗަށް ކުރި ތުހުމަތުތަކަށް އިންކާރުކޮށް ފުލުހުންގެ ތަހުގީގަށް ތިން ބަޔާނެއް ދީފައިވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ހުމާމް ބުނީ އެ މައްސަލައިގެ ތަހުގީގުގައި އެމެރިކާގެ އެފްބީއައި މީހުން ސުވާލުކުރުމުން ވެސް އަފްރާޝީމް އަވަހާރަކޮށްލުމުގައި ބައިވެރިވެފައިނުވާނެ ކަމަށް އޭނާ ބުނިކަމަށެވެ. އެހެންނަމަވެސް އޭނާ ހެދީ ދޮގުކަމަށް އެފްބީއައި މީހުން ބުނިކަމަށް ހުމާމް ބުންޏެވެ.

ތަހުގީގު މަރުހަލާގައި އެކި ފަހަރުމަތިން ފުލުހުންގެ އިސް ބޭފުޅުންތަކެއް އޭނައާ ބައްދަލުކޮށްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ހުމާމްގެ ގާނޫނީ ވަކީލު އަބްދުﷲ ހަސީން ވިދާޅުވީ ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ހުމާމް ކުށަށް އިއުތިރާފުވުމަށް ފަހު ފަހުން އެ އިއުތިރާފުން ރުޖޫއަވެފައިވާ ކަމަށެވެ. އެހެންކަމުން އެއީ ސައްޚަ އިއުތިރާފެއް ކަމަށް ނުބެލެވޭނެ ކަމަށާއި އިއުތިރާފުން ރުޖޫއަވި ސަބަބު ހުމާމް ވަނީ ކްރިމިނަލް ކޯޓުގައި ތަފްސީލުކޮށް ކިޔައިދީފައި ކަމަށް ހަސީން ވިދާޅުވި އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމާލަމުން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި އަލީ ސަމީރު ވިދާޅުވީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި އެންމެ ފުރަތަމަ ފުރުސަތު އަރުވާނީ ހުމާމަށް ކަމަށެވެ.

ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލާފައި ވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ ޓީވީއެމްގެ ދީނީ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގަތުމަށް ފަހު، އެމަނިކުފާނު ދިރިއުޅުއްވާ ހ. ފުންވިލުގެ އަށް ވަދެވަޑައިގަންނަވަނިކޮށް އެރޭ 11:30 އާއި 1:00އާ ދެމެދުގެ ވަގުތެއްގަ އެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލިކަމަށް ހުމާމްގެ މައްޗަށް ދަށު ކޯޓުން ސާބިތުވެފަ އެވެ. އަދި އޭނާ މެރުމަށް ވެސް ދަށު ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.