އިސްތިއުފާ ދޭން ޖެހޭވަރުގެ އެއްވެސް ޕްރެޝަރެއް ނެތްކަމަށާއި، އިސްތިއުފާ ދޭން ނުޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ބައެއް ކައުންސިލަރުން ޕީޕީއެމަށް ސޮއިކުރުމަށް މިއަދު މުލިއާގޭގައި ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނު އިސްތިއުފާ ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި، އެމަނިކުފާނު ވެރިކަމުން ވަކިކުރަން ރައްޔިތުން ނިންމާނީ 2018 ގެ ރިޔާސީ އިންތިހާބުގައި ކަމަށެވެ.

" އަޅުގަނޑު އިސްތިއުފާ ދޭން ޖެހޭ ސަބަބެއް ނެތް، އަދި މިހެން އިދިކޮޅު ފަރާތަކުން އެބޭފުޅުންނަށް ފެންނަ އެއްޗެއް ކިޔަމުން ދިޔަސް އެއީ ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާ ދޭން ޖެހޭ ސަބަބެއް ނޫނ،ް" ރައީސް ޔާމީން ވިދާޅުވިއެވެ.

"އަޅުގަނޑު އިސްތިއުފާ ދޭންޖެހޭ ކަމަށް ވަންޏާ ދިވެހިރައްޔިތުން އެގޮތް ނިންމާނީ 2018 ގެ އިންތިހާބުން."

އިދިކޮޅު ފަރާތްތަކުން މަގުމަށްޗަށް ނިކުމެ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަމުން ދަނީ " އެމީހުންގެ މައްޗަށް ގާނޫނު ހިނގާނެކަން އެމީހުނަށް ގަބޫލު ކުރެވުނީމަ" ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި އެފަރާތްތަކުން ކޮށްފައި ހުރި ކުށްތައް ކޯޓުތަކުގައި ސާބިތުކުރާނެ ކަމުގެ ބިރަށް މަގުމަށްޗަށް ނިކުމެ އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ކޯޓާ ހަމައަށް މައްސަލަ ގޮސްފިނަމަ ކިތަންމެ ބޮޑު އިދިކޮޅު ލީޑަރެއްކަމަށްވީ ނަމަވެސް ކޯޓުން ހުކުމެއް އައިސްފިކަމަށް ވަންޏާ މި ރައީސް އެހުކުމް ތަންފީޒު ކުރާނެ" ރައީސް ޔާމީން ވިދާޅުވިއެވެ.

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ، ރައީސް ޔާމީންގެ އަރިހަށް ވަޑައިގެން ނާޒިމްގެ މައްސަލަ ކޯޓުން ބޭރުން ހައްލުކޮށްދިނުމަށް އެދިފައިވާ ކަމަށާއި އެހެން ނަމަވެސް ކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި ރައީސްގެ ދައުރެއް ނޯނެކަމަށް އިމްރާނު އަރިހުގައި ވިދާޅުވެފައި ވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޯޓުން ކޮށްފައިވާ ހުކުމާ މެދު ހިތްހަމަ ނުޖެހޭ ނަމަ އިސްތިއުނާފު މަރުހަލާއާއިގެން ކުރިއަށް ދިއުމަށް މީގެ ކުރިން ވިދާޅުވި ވާހަކަ ރައީސް ޔާމީން މިއަދުވެސް ވަނީ ތަކުރާރު ކުރައްވާފައެވެ.