ރިޝްވަތު ނެގި ކަމުގެ މައްސަލާގައި ކެރިކެޓުގެ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވެވޭ ގޮތަށް ސަސްޕެންޑް ކޮށްފައިހުރި ޕާކިސްތާނުގެ ކުރީގެ ކެޕްޓަން ސަލްމާން ބަޓް ޓީވީ އެނަލިސްޓަކަށް މަސައްކަތް ކުރުމާ ކްރިކެޓްގެ މައި އިދާރާއިން ދެކޮޅު ހަދަމުންދިޔަ ނަމަވެސް އޭނާ އެ މަސައްކަތް ފަށައިފި އެވެ.

ޕާކިސްތާނުގެ އިތުރު ދެ ކުޅުންތެރިއަކާ އެކު ކްރިކެޓްގެ މައި އިދާރާ (އައިސީސީ)ން ބަޓް ސަސްޕެންޑްކޮށްފައިވަނީ 10 އަހަރަށެވެ. މި މައްސަލާގައި މި ތިން ކުޅުންތެރިން ވަޒީފާ އަދާ ކުރާ ޕާކިސްތާނުގެ ބޭންކުން ވަނީ އެ މީހުން ވަޒީފާއިން ވެސް ވަކިކޮށްފަ އެވެ.

ނަމަވެސް ކެންޔާއާ ދެކޮޅަށް ޕާކިސްތާނު މިއަދު ކުޅުނު މެޗުގެ ކުރިން އެނަލިސްޓެއްގެ ގޮތުން މެޗާމެދު އޭނާގެ ހިޔާލު ފާޅު ކުރުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ބަޓް ބުނީ ކްރިކެޓްގެ ގަވާއިދާ ހިލާފު އެއްވެސް ކަމެއް އޭނާ ނުކުރާ ކަމަށެވެ.

"އަހަރެން ކްރިކެޓަށް އިހްތިރާމް ކުޑައެއް ނުކުރަން. އަހަރެންގެ ސަސްޕެންޝަނަށް ވެސް ފުރިހަމަ އަށް އިހްތިރާމްކުރަން. އަދި އަހަރެން މަސައްކަތް މި ކުރަނީ އައިސީސީ ނުވަތަ ޕާކިސްތާނުގެ ކްރިކެޓްބޯޑާ ގުޅިފައިވާ ތަނެއްގަ އެއްވެސް ނޫން. އެހެންވީމަ މިއީ ގޯސް ކަމެއްނޫން. ހަމައެކަނި އެކްސްޕާޓަކަށް މަސައްކަތްކޮށްދެނީ،" ބަޓް ބުންޏެވެ.

ޓީވީގައި ބަޓް މަސައްކަތް ކުރާނެކަން އެނގުނު ހިސާބުން ޕާކިސްތާނާއި އައިސީސީން ދަނީ މިކަމާ ދެކޮޅު ހަދަމުންނެވެ. އަދި މިކަމުގައި ގާނޫނީ ލަފައެއް ދިނުމަށް އެ ޖަމާއަތުގެ ޑިސިޕްލިނަރީ ކޮމިޓީގެ ކިބައިން ވެސް އެދިފަ އެވެ.

ބަޓް ބުނީ އޭނާ ޓީވީގައި މަސައްކަތް ކުރަން ފެށީ އެކަމުގައި އެއްވެސް މައްސަލައެއް ކުރިމަތިނުވާނެ ކަމުގެ ފެހި ސިގްނަލް އޭނާގެ ގާނޫނީ ވަކީލުގެ ފަރާތުން ލިބުމުން ކަމަށެވެ.

"އަހަރެން މިހާރު ކްރިކެޓް ނުކުޅެން. ދިރިއުޅުމަށްޓަކައި އަހަރެންވެސް މަސައްކަތެއް ކުރަން އެބަޖެހޭ،" ބަޓް ބުންޏެވެ.
އޭނާ ބުނީ އޭނާ ލައްވައި މަސައްކަތް ޗެނަލަކާ ދެކޮޅަށް ވެސް ފިޔަވަޅު އެޅޭނެ ޖާގައެއް ނޯންނާނެ ކަމަށެވެ.