މޭވާއާއި ތަރުކާރީއަށް ބޮޑެތި ގެއްލުންތަކެއް ދޭ ނުރައްކާތެރި ސޫތްޕެއް ކަމަށްވާ ފުރުޓް ފްލައި، ށ. ފީވަކުގެ އިތުރުން ރާއްޖޭގެ އެހެން ރަށަކުން ފެނިފައިނުވާ ކަމަށް ދަނޑުވެރިކަމާބެހޭ ވުޒާރާއިން ބުނެފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޝަރީފް މިއަދު ސަން އަށް ވިދާޅުވީ، އެ ސޫފީގެ އަސަރެއް ފެނޭތޯ އެ މިނިސްޓްރީން ބަލަމުން އަންނަ ކަމަށާއި އެގޮތުން އެ މިނިސްޓްރީގެ ބޭފުޅުން ޅ. އަތޮޅާއި ހދ. އަތޮޅާއި ފ. އަތޮޅުގައި ހަރަކާތްތެރިވަަމުން އަންނަ ކަމަށެވެ.

މިހާތަނަށް ބެލިބެލުމުން ފީވަކުން ފިޔަވައި އިތުރު ރަށަކުން އެސޫފީގެ އަސަރެއް ނުފެންނަ ކަމަށް ޝަރީފް ވިދާޅުވިއެވެ.

"އިތުރު ރަށަކުން ނުފެނޭ. އަޅުގަނޑުމެން މުޅި ރާއްޖެއަށް އޭތި އެލާޓްކުރެވިފައި އެއޮތީ. ދެން އަންގާފަ ވާނީ އެއްވެސް ތަނަކުން ފެނިއްޖެއްޔާ އަޅުގަނޑުމެންނަށް އަންގަން،" ޑޭޕިއުޓީ މިނިސްޓަރު ޝަރީފް ވިދާޅުވިއެވެ.

ފީވަކުން ގިނަ އަދަދެއްގެ އެބާވަތުގެ ނުރައްކާތެރި ސޫފި ފެނި މުޅި އެރަށުގައި ހައްދާ މޭވާތައް ހަލާކުވަމުން އަންނައިރު ޝަރީފް ވިދާޅުވީ، އެސޫފި ކޮންޓްރޯލް ކުރަން ބޭނުންވާ ތަކެތި ދެ ދުވަހެއްގެ ތެރޭގައި ރާއްޖެއަށް ގެނެވޭނެ ކަމަށާއި އެއާއެކު ކޮންޓްރޯލް ކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.

އެ ސޫފީގެ ސަބަބުން ދަނޑުވެރިކަމަށް ބޮޑު ގެއްލުމެއްވީ ނަމަވެސް އެއީ އިންސާނުންނަށް ގެއްލުމެއް ދިމާވެދާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

މާލޭގެ މާރުކޭޓުގައި އެގޮތަށް ފީވެފައި އަނބުތަކެއް ހުރިކަމަށް ލިބުނު މައުލޫމާތާ އެކު އެ މިނިސްޓްރީން ބެލިބެލުމުން، "މާލޭ މާރުކޭޓަކުން އެ ފަންޏެއް ނުފެނުނު" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފުރުޓް ފްލައި އަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި އުޅޭ އަދި އޭގެ ސަބަބުން އެ ގައުމެއްގައި ހައްދާ މޭވާ އާއި ތަރުކާރީއަށް އެންމެ ބޮޑަށް ގެއްލުންދޭ ސޫތްޕެކެވެ. އޭގެ ސަބަބުން ގަހުން ލިބޭ ގޮވާމުގެ 90 އިންސައްތަ ނުވަތަ 100 އިންސައްތަ މޭވާ ހަލާކުވެގެންދާ ކަމަށް ވެއެވެ.

ފުރުޓް ފްލައި ގެއްލުންދޭ މޭވާތަކުގެ ތެރޭގައި އަނބު، ޖަނބުރޯލު، ފަޅޯ، ފޭރު، މިރުސް، ލުނބޯ، ޓޯމާޓޯ، ކެޕްސިކަމް، ބަނބުކެޔޮ، ކިއުކަމްބާ އަދި އެކިވައްތަރުގެ މޭވާ އާއި ތަރުކާރީ ހިމެނެއެވެ.

މިނިސްޓްރީން ބުނީ އެ ސޫތްޕަކީ އޭގެ ސަބަބުން ރާއްޖޭގެ ދަނޑުވެރި ކަމަށް ވަރަށް ނޭދެވޭ އަސަރުކުރާނެ ސޫތްޕެއް ކަމަށާއި އެ ސޫތްޕަކީ ނައްތާލެވޭނެ އެއްޗެއް ނޫން ކަމަށެވެ.