މިސީޒަންގެ އިނގިރޭސިވިލާތުގައި ކުޅޭ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ޗެލްސީގެ ބެލްޖިއަމް މިޑްފީލްޑަރު އެޑެން ހަޒާޑް ހޯދައިފިއެވެ.

ހަޒާޑް ވަނީ މިސީޒަންގައި ޕްރިމިއާ ލީގުގައި އޭނާ ކުޅުނު 33 މެޗްގައި ގޯލް ޖަހާފައެވެ. އަދި އޭނާވަނީ އެހެން ކުޅުންތެރިންނަށް ގޯލް ޖެހުމަށް އަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ.

މިއެވޯޑަށް ވޯޓް ދީފައިވަނީ އިނގިރޭސި ލީގުގައި ކުޅޭ ޕްރޮފެޝަނަލް ކުޅުންތެރިންނެވެ.

ޢުމުރުން 24 އަހަރުގެ ހަޒާޑް ވަނީ މިދިޔަ ސީޒަންގެ އެންމެ ޒުވާން ކުޅުންތެރިޔާގެ އެވޯޑް ވެސް ހޯދާފައެވެ.

ޕީއެފްއޭ ޕްލޭޔާ އޮފްދަ އިޔާ އެވޯޑް ހޯދި ޗެލްސީގެ އެޑިން ހަޒާޑް --- ފޮޓޯ/ އޭޕީ

މިއެވޯޑް ލިބުމުން ހެޒާޑް ބުނީ އޭނާއަށް މިއެވޯޑް ހައްޤުކަމެއް އޭނާއަށް ނޭނގޭކަމަށާއި ނަމަވެސް މިއެވޯޑަށް އޭނާއަށް ވޯޓްދިން ކުޅުންތެރިންނަށް ފުޓްބޯޅަ އެނގޭނެކަމަށެވެ.

"މިއީ އަހަންނަށް އެންމެ ރަނގަޅަށް ކުޅެވުނު ސީޒަން. އަހަރެން ވަނީ ބޮޑެތި މެޗްތަކުގައި މުހިންމު ގިނަ ލަނޑުތަކެއް ޖަހާފައި. އެހެންވެ ކަންނޭންގެ މިސީޒަންގައި އަހަރެން ކުޅުން ފާހަގަވީ،" ހަޒާޑް ބުންޏެވެ.

މިސީޒަންގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ހޯދާފައިވަނީ ޓޮޓެންހަމްހޮޓްސްޕާއަށް ކުޅެމުން އަންނަ ޢުމުރުން 21 އަހަރުގެ އިނގިރޭސި ޒުވާން ކުޅުންތެރިޔާ ހެރީ ކޭންއެވެ.

ކޭން ވަނީ މިސީޒަންގައި ޓޮޓެންހަމްއަށް ތިންލަނޑު ޖަހައިދީފައެވެ. އަދި އޭނާވަނީ އިނގިރޭސި ސީނިއާ ޤައުމީ ޓީމް މިދިޔަ މަހު ލިތުއޭނިއާ އާ ދެކޮޅަށް ކުޅުނު މެޗްގައި ލަނޑު ޖަހައިދީފައެވެ.

ޕީއެފްއޭގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ހޯދި ޓޮޓެންހަމްހޮޓްސްޕާގެ ހެރީ ކޭން --- ފޮޓޯ/އޭޕީ

އެވޯޑަށް ފަހު ވާހަކަ ދައްކަމުން ކޭން ބުނީ މީއީ އޭނާއާއި އޭނާގެ އާއިލާއަށް ފަހްރުވެރި ވަގުތެއް ކަމަށާއި ފުރަތަމަ އެވޯޑާއެކު އިތުރު އެވޯޑްތައްވެސް ހޯދުމަށް ބުރަކޮށް މަސައްކަތް ކުރާނެ ކަމަށެވެ.

މިސީޒަންގައި އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ހޯދާފައިވަނީ ޗެލްސީގެ އަންހެން ޓީމްގެ ސައުތުކޮރެއާގެ ޖީ ސޯ ޔުންއެވެ.

ޕީއެފްއޭގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ހޯދި ޗެލްސީގެ ޖީ ސޯ ޔުން --- ފޮޓޯ/ ބީޓީ ސްޕޯޓްސް

މިސީޒަންގެ އެންމެ މޮޅު އަންހެން ޒުވާން ކުޅުންތެރިޔާގެ އެވޯޑް ހޯދާފައިވަނީ އިނގިރޭސި އަންހެން ޤައުމީ ޓީމްގެ ލީ ވިލިއަމްސަންއެވެ.

އިނގިރޭސި ވިލާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ނުވަތަ ޕީއެފްއޭ (ޕްރޮފެޝަނަލް ފުޓްބޯލް އެސޯސިއޭޝަން އެވޯޑް) އަކީ އިނގިރޭސި ވިލާތުގައި ކުޅޭ އެންމެ މޮޅު ކުޅުންތެރިޔާ ހޮވުމަށް 1974 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ އެވޯޑެކެވެ.

މިއެވޯޑް އެންމެ ފުރަތަމަ ހޯދާފައިވަނީ ލީޑްސް ޔުނެއިޓަޑްގެ ނޯމަން ހަންޓާއެވެ. މިއެވޯޑް އެންމެ ފުރަތަމަ ހޯދި އިނގިރޭސިވިލާތުން ބޭރުގެ ކުޅުންތެރިޔަކީ ސްކޮޓްލޭންޑްގެ އެންޑީ ގްރޭއެވެ. 1977 ވަނަ އަހަރު އޭނާ މިއެވޯޑް ހޯދިއިރު އޭނާ ކުޅެމުންދިޔައީ އެސްޓަން ވިލާއަށެވެ.

މިސީޒަންގެ އިންގިރޭސި ޕްރިމިއާ ލީގުގެ އެންމެ މޮޅު އެގާރަ ކުޅުންތެރިން ހޮވާފައިވާއިރު އޭގެ ތެރޭގައި ޗެލްސީގެ ހަ ކުޅުންތެރިޔަކު ހިމެނެއެވެ.

ޕްރިމިއާ ލީގްގެ އެންމެ މޮޅު 11 ކުޅުންތެރިން

ގޯލްކީޕަރު:

ޑޭވިޑް ޑެހެއާ | މެންޗެސްޓާ ޔުނައިޓެޑް

ޑިފެންޑަރުން:

ޖޯން ޓޭރީ | ޗެލްސީ

ގެރީ ކޭހިލް | ޗެލްސީ

ބްރެނިސްލާވް އިވަނޮވިޗް | ޗެލްސީ

ރާޔަން ބާޓްރެންޑް | ސައުތުހެމްޕްޓަން

މިޑްފީލްޑަރުން:

ނަމެންޔާ މަޓިޗް | ޗެލްސީ

އެޑިން ހަޒާޑް | ޗެލްސީ

ފިލްޕް ކޮންޓީނިއޯ | ލިވަޕޫލް

އެލެކްސް ސަންޗޭޒް | އާސެނަލް

ފޯވަޑުން:

ހެރީ ކޭން | ޓޮޓެންހަމްހޮސްޕާ

ޑިއޭގޯ ކޯސްޓާ | ޗެލްސީ